އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އިދިކޮޅު އެމްޑީޕީން ގިނަ އަދަދެއްގެ ގޮނޑިތަކަށް މީހުން ކުރިމަތިނުލާކަން ފާހަގަކޮށް، އެ ޕާޓީގެ ތާއީދު މުޅިން ގެއްލިފައިވާ ކަމަށް ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު ވިދާޅުވީ އިންތިހާބުގައި ވާދަކުރާ 1،352 ގޮނޑީގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތަ ގޮނޑިއަށް އެމްޑީޕީން ވާދަނުކުރާ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ނުލިބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަށް މިފަދަ ހާލަތެއް މެދުވެރިވީ 2008 ވަނަ އަހަރުން ފެށިގެން އެ ޕާޓީން ގައުމަށް ދީފައިވާ ގެއްލުންތަކާއި ހަދާފައިވާ އިތުރުފުޅުތަކުގެ ސަބަބުން ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ.
“އެމްޑީޕީ ދެން އަލުން ކޮޅަށް ޖެހުމުގެ ފުރުސަތެއް ނެތް، އެ ޕާޓީގެ ލީޑަޝިޕުން ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންނަމަ އާ ޕާޓީއެއް އުފެއްދުން މާ ރަނގަޅުވާނެ،” ފަލާހު ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕެއިން ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން، ފަލާހު ވިދާޅުވީ އެމްޑީޕީ އޮތީ ބައިބައިވެ ފެކްޝަން އުފެދިފައި ކަމަށެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ކެމްޕެއިން ކުރައްވާއިރު އެކަނިވެރިކޮށް ހުންނަވާ މަންޒަރު ފެންނަނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުން އެމްޑީޕީއަށް ލިބޭ ފައިސާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ހަރަދު ނުކުރާ ކަމުގެ ތުހުމަތު ވެސް ފަލާހު ކުރެއްވިއެވެ. އޭނާ ވިދާޅުވީ ޕާޓީއަށް ލިބުނު ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާ ބޭނުންކުރަނީ ޕާޓީގެ އިސްވެރިންގެ މުސާރަ ދިނުމަށް ކަމަށާއި، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށެވެ.

