ތިނަދޫ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ފައިދާހުރި ތަފާތު އަދި ހެޔޮ ބަދަލެއް ގެނައުމަކީ އަމާޒެއްކަމަށް ތިނަދޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބު ވިދާޅުވެއްޖެއެވެ.
އަޖީބު މިހެން ވިދާޅުވީ “ތިނަދޫ ސިޓީ މާލެ އޭރިއާ ކެމްޕެއިން އޮފީސް” ހުޅުވުމަށް ރޭ މާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޖީބު ވިދާޅުވީ ތިނަދޫ ސިޓީއަށް ބަދަލެއް ބޭނުންވާ ކަމަށާއި، ނަމަވެސް އެއީ މާޒީ އިޔާދަވާނެ ކަހަލަ ބަދަލަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މީގެ ކުރިން ތިނަދޫގައި ތަކުރާރުވަމުން އައި ނޭއްގާނީ ކަންތައްތައް ކައުންސިލުން ބަދަލުކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މީގެ ކުރިން ދިވެހިރާއްޖޭގައި އޮތް އެއްވެސް ޤާނޫނެއް ނުވަތަ ގަވާއިދެއް، އަދި އެއްވެސް މުއައްސަސާއެއް މިހާރު މިއޮތް ކައުންސިލުން ބަލައިގަންނަ ތަނެއް ނުފެނޭ. މިސާލަކަށް ބަލާނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤެއް ކުރަން އުޅުނަސް، މި ކައުންސިލަށް ވަދެވޭނެ ގޮތެއް ނޯވޭ،” ކުރީގެ ކައުންސިލްތަކުން ފެނުނު ހިތްދަތި މަންޒަރުތަކަށް އިޝާރާތް ކުރައްވައި އަޖީބު ވިދާޅުވިއެވެ.
އަޖީބު ވިދާޅުވީ އޭނާ މޭޔަރުކަމަށް ކުރިމަތިލެއްވި އެންމެ މުހިންމު ސަބަބަކީ ތިނަދޫގެ އިޤްތިޞާދު ހަރުދަނާކޮށް، ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުން ކަމަށެވެ. ވަކިން ޚާއްޞަކޮށް، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބިން ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
“ތިނަދޫގައި ކަންތައްތައް ހަރުދަނާކުރަން އެބަޖެހޭ، އިޤްތިޞާދީ މަސައްކަތްކުރާ މީހަކު ދަނޑުވެރިކަން ކުރަން ބޭނުންވިޔަސް، ނުވަތަ ގައުވަޑާން ކުރާ މީހަކު ބިމެއް ބޭނުންވިޔަސް، އެކަން ކުރެވޭނެ މަގެއް ނެތް. މީހަކު އަޅުގަނޑު ގާތުގައި ބުނީ އޭނާގެ އަތުގައި މެޝިނަރީޒްތައް ހުރެމެ، ބިމެއް ނުލިބުމުގެ ސަބަބުން އެތަކެތި ދަބަރުޖަހައި ހަލާކުވާ ވާހަކަ. އަޅުގަނޑަށް މޭޔަރުކަން ލިބިއްޖެނަމަ އެފަދަ ކަންތައްތަކަށް މަގު ފަހިކޮށްދޭނަން މިއީ އަޅުގަނޑު ކުރަން ބޭނުންވާ މަސައްކަތަކީ ތިނަދޫގެ އިޤްތިޞާދު ހަރުދަނާކޮށް، ތިނަދޫއަށް ލިބެން ހުރިފުރުސަތުތައް ހޯދައިދީ، ރައްޔިތުން ބާރުވެރިކުރުވައި އެ މީހުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދޭނަން، މިއީ އަޅުގަނޑު ކުރަން ބޭނުންވާ ކަމަކީ. އަޅުގަނޑު މޭޔަރުކަމަށް ހޮވިއްޖެނަމަ ކުރަން ބޭނުންވާ ކަމަކީ،” އަޖީބު ވިދާޅުވިއެވެ.
“ތިނަދޫން ދިމާވި މީހަކު ބުނީ އޭނާގެ ގޭގެ ފަހަތުގައި އޮތް ތަންކޮޅެއްގައި ގާތްގަނޑަކަށް ފަންސާހަކަށް ކިއުކަންބާ ގަސް ޖަހައިގެން ހައްދަމުންދާ ކަމަށާއި އެ މަސައްކަތް ކުރަން ބިންކޮޅެއް ލިބޭތޯ ކައުންސިލުގައި ވަރަށް އާދޭސްކުރި ނަމަވެސް، ކައުންސިލުން ބިމެއް ދީފައެއް ނުވޭ. އަޅުގަނޑު ދެންނެވިން ކައުންސިލް މޭޔަރަކަށް އަޅުގަނޑަށް ވޯޓުދެއްވާށޭ، އަޅުގަނޑަށް މަގާމު ލިބިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން ތިޔަކަހަލަ އެތައް ބަޔަކަށް ދަނޑުވެރިކަން ކުރުމަށާއި އެހެނިހެން މަސައްކަތްތަކަށް ކުޑަ އަގުގައި ބިންތައްދޫކުރާނަމޭ، މިއީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ވިސްނުންފުޅެއް އެބައޮތް ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަށް،” އަޖީބު
އަޖީބު އިތުރަށް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ސަރުކާރު ވަޒީފާ ނުދެވުނު ކަމުގައި ވިޔަސް، އަމިއްލަ މަސައްކަތް ކުރެވޭނެ ތަނަވަސް މާޙައުލެއް ޤާއިމުކޮށްދިނުމުން އޭގެ މަންފާ މާ ބޮޑުވާނެ ކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމުގެ އިތުރުން އިސް ރަށްވެހިންނަށް އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަޖީބު ވިދާޅުވިއެވެ.
“ތިބޭފުޅުންވެސް ގަބޫލު ކުރައްވާނެ، އަޅުގަނޑަށް ސަރުކާރުގެ ވަޒީފާ ނުދެވޭނެ، އެއީ ވާނެ ކަމެއްނޫން، 6 ހާސް 10 ހާސް ވަޒީފާ ސަރުކާރުން ހަމަޖައްސައި ނުދެވޭނެ. އެކަމަކު ކޮންމެ މީހަކަށްވެސް އަމިއްލަ މަސައްކަތެއް ކުރެވޭނެ ފަދަ ތަނަވަސް މާޙައުލެއް ޤާއިމުކޮށްދީފިނަމަ، އެއުފެދޭ ވަޒީފާ އޭގެ މަންފާ މާ ބޮޑުވާނެ. އޮފީހަކުން ލިބޭ ދިހަ ފަނަސް ހާސް ރުފިޔާއަށްވުރެ، މާބޮޑު މަންފާ އެއްލިބޭނެ، އެމީހަކު ބޭނުން ވަގުތަކު މަސައްކަތް ކޮށް، ބޭނުންވަގުތަކު ގެއަށް ވަދެލާ، އަމިއްލަ މަސައްކަތުން ޖީބަށް ވަންނަ ފައިސާގެ މަގު ހުޅުވާލަދޭނީ މާތްﷲ އިރާދަކުރެއްވިއްޔާ މި ކައުންސިލަށްމޭޔަރަށް އަޅުގަނޑުމެން ހޮވިއްޖެނަމަ، މި ޓީމާއެކު މިމަގުތައް ހުޅުވައިދޭނަން،” އަޖީބު
ރޭގެ މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ތިނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

