ބުރޫނާއީ ދާރުއްސަލާމުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ގައުމުގެ ރަސްގެފާނު ސުލްތާން ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒުއްދީން ވަދާޢުﷲއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އިސްލާމީ އުހުއްވަތްތެރިކަމުގެ ގުޅުމުން ރާއްޖެއާ ގުޅިފައިވާ ބުރޫނާއީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެ ގައުމުގެ ރަސްގެފާނުގެ އިތުރުން ސަރުކާރަށާއި އުހުއްވަތްތެރި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ މެދުގައި އޮތް އިހުތިރާމާއި ދެ ގައުމުން ހިއްސާކުރާ އަގުތަކުގެ މަތީގައި ބިނާވެފައިވާ ޒަމާންވީ ގުޅުމަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ރާއްޖެއާއި ބުރޫނާއީއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާކަން ޔަގީންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ގައުމުން ހިއްސާކުރާ މަސްލަހަތުތައް ހިމެނޭ ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިފަދަ ގާތް މަސައްކަތްތަކުގެ ސަބަބުން ދެ ގައުމަށްވެސް ބޮޑެތި މަންފާތަކެއް ކުރާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވައިލައްވާފައިވަނީ ބުރޫނާއީގެ ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެން ދުއާ ކުރައްވާފައެވެ.

