ހއ. ދިއްދޫގައި އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްތައް މިއަދު ނިންމާލައިފިއެވެ. ދިއްދޫ ބިން ހިއްކާ، ހއ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިތާ 50 ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫން ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި "ލެއިވް އެރިކްޝަން" ނަމަކަށް ކިޔާ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރެކެވެ. މި މަޝްރޫޢުގެ ދަށުން އެއާޕޯޓަށް ބޭނުންވާ ބިމުގެ އިތުރުން، ރަށުގެ ބޯހިޔާވަހިކަމާއި އިޤްތިޞާދީ އެކި މަސައްކަތްތަކަށް ބޭނުންވާ ބިންވެސް ވަނީ ހިއްކާފައެވެ.
ދިއްދޫ އެއާޕޯޓަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 15 އެއާޕޯޓް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި ނެރުއްވި ޤަރާރުގައި ހިމެނޭ މުހިންމު އެއް މަޝްރޫޢެވެ. ރައީސް ވިދާޅުވެފައިވަނީ މިއީ މުޅި އަތޮޅުގެ ދުރު ރާސްތާ ޕްލޭނާ ގުޅިފައިވާ، އެ ސަރަޙައްދަށް އެންމެ މުހިންމު މަޝްރޫޢު ކަމަށެވެ.
ދިއްދޫގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 5,000 ކަމަށްވީ ނަމަވެސް، ތަޢުލީމާއި ސިއްޙީ ޚިދުމަތް ހޯދުމަށް އެކި ރަށްރަށުން ހިޖުރަކޮށްފައިވާ މީހުންނާއެކު އެރަށުގެ އާބާދީ 7,000 އަށް އަރައެވެ. މި އެއާޕޯޓާއެކު ދިއްދޫގެ އިތުރުން ވަށަފަރު، ފިއްލަދޫ، ކެލާ، މުރައިދޫ، ބާރަށް އަދި އުތީމުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅު ހިމެނޭހެން އިންޓަރގްރޭޓެޑް ތަރައްޤީ ޒޯނެއް ޤާއިމުކުރުމެވެ. ދިއްދޫ އެއާޕޯޓަކީ މި ޒޯންގެ ތެރެއިން އަންނާނެ އިޤްތިޞާދީ ކުރިއެރުމުގެ މުހިންމު ބައެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. މިހާރު ހއ. އަތޮޅުގައި ހިންގަމުން އަންނަނީ ހޯރަފުށީ އެއާޕޯޓް އެކަންޏެވެ

