ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ޤައުމީ ހެލްޕްލައިން ‘1677’ އަށް، އެ ޚިދުމަތް ފެށި ފަހުން މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި 13،000 އަށްވުރެ ގިނަ ކޯލު ލިބިފައިވާކަމަށް ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.
21 ފެބުރުއަރީ 2024 ގައި ރަސްމީކޮށް އިފްތިތާޙްކުރި މި ޚިދުމަތަކީ ރާއްޖެއަށް މިވަގުތު ނުހަނު ބޭނުންތެރި ޚިދުމަތެއްކަން ފާހަގަކުރައްވައި، ޞިއްޙީ ވުޒާރާއިން ވިދާޅުވީ ޚިދުމަތް ހޯދާ މީހުންގެ ނިސްބަތް މިހާރު 300 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. މިއީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް މި ނިޒާމުގެ ބޭނުންތެރިކަން ބޮޑުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
މި ހެލްޕްލައިން މެދުވެރިކޮށް ރުޅިގަދަވުމާއި، މާޔޫސްވުމާއި، އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުން ފަދަ ނަފްސާނީ އެކި ކަންކަމުގައި ގުޅާ ފަރާތްތަކަށް، އެތަނުގައި ތިއްބަވާ ތަމްރީނުލިބިފައިވާ ޕްރޮފެޝަނަލް ކައުންސިލަރުން ވަގުތުން އެހީތެރިކަން ފޯރުކޮށްދެއެވެ. ޞިއްޙީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، ގިނަ މައްސަލަތަކަކީ ހަމައެކަނި ވާހަކަދައްކައިގެންނާއި އެކަށީގެންވާ އިރުޝާދު ދީގެން ހައްލުކުރެވޭ ކަންކަމެވެ.
މި ޚިދުމަތަކީ ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށްވެސް ހުޅުވާލެވިފައިވާ، ހަފްތާގެ 7 ދުވަހު 24 ގަޑިއިރު ލިބޭ ޚިދުމަތެކެވެ. މީގެ ސަބަބުން ކޮންމެ ވަގުތެއްގައިވެސް ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހަކަށް ފަސޭހަކަމާއެކު އެހީތެރިކަން ހޯދުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ނަފްސާނީ ކުއްލި ހާލަތްތަކަށް ވަގުތުން އިޖާބަދޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން، "މަލްޓި ސެކްޓޯރިއަލް މެންޓަލް ހެލްތު ރިފަރަލް ޕާތްވޭ" އެއް ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

