ތިނަދޫ ސިޓީ ، ޕީއެންސީގައި ކުރިޔަށް ގެންދިޔަ އެތެރޭގެ އިންތިޚާބު ތަކާ ގުޅިގެން އުފެދިފައިވާ ނުރުހުންތަކާއި ޒާތީ މައްސަލަތައް ޙައްލުކޮށް ސިޔާސީ އިސް ބޭފުޅުން އެއްގަލަކަށް އަރައި ފިސާރި ވަރުގަދަކޮށް އެކުވެރިކަމާއެކު ސަފުތައް ބަދަހި ކޮށްފިއެވެ.
ޕީއެންސީގެ އޮފިޝަލަކު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިނތިޚާބުގައި ތިނަދޫ ސިޓީ ގެ ހުރިހާ ދާއިރާއެއްގައި ވާދަ ކުރާ ޕީއެންސީ ގެ ކެނޑިޑޭޓުންގެ ގޮނޑިތައް ގަނޑުކޮށް ކާމިޔާބު ކުރުމަށް ޕާޓީ އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށެވެ. ކުރިން ބޭއްވި އެތެރޭގެ ބައެއް އިންތިޚާބު ތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް މިހާރު ތިނަދޫގެ 2 ދާއިރާ އޮތީ އެއް ރޫޙުގައި ވަރަށް އެކުވެރިކޮށް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ .
ރޭ މާލޭގައި ތިނަދޫ ކެމްޕެއިން އޮފީސް ހުޅުވި ރަސްމިއްޔާތުގައި ފެނިގެންދިޔަ އެންމެ ފާހަގަ ކޮއްލެވޭ އެއްކަމަކީ ވެސް އެއީއެވެ. ޕީއެންސީ އަދި ސިޔާސީ ގޮތުންވެސް ވަރުގަދަ ބޭފުޅުންގެ ގުޅުމެވެ. ޕީއެންސީގެ އާންމު މެމްބަރުން ވެސް މިކަން ފާހަގަ ކުރީ ވަރަށް ބޮޑު ކާމިޔާބީ އަކާއި ކުރިއެރުމެއްގެ ގޮތުގައެވެ.
ތިނަދޫ ސިޓީގައި ކުރިޔަށްދާ ކެމްޕެއިން ހަރަކާތްތަކައް ބަލާ އިރުވެސް ކުރިޔަށް އޮތް އިންތިޙާބު ކާމިޔާބު ކުރުމަށް ކުރެވޭ މަސައްކަތުގައި ސަރުކާރު ފަޅި ފެންނަނީ ވަރަށް ގަދަކޮށެވެ.
މިފަހަރުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އަށް ތިނަދޫ ސިޓީގެ 6 ދާއިރާގެ ހުރިހާ ގޮނޑިޔަކަށް ޕީއެންސީ އާއި އެމްޑީޕީއިން ވާދަ ކުރާ އިރު އަމިއްލަ ގޮތުންވެސް ބައެއް ގޮނޑި ތަކަށް ވާދަ ކުރެ އެވެ.

