އަޅުގަނޑުގެ ވަރަށް ގާތް އަޚަކު އަޅުގަނޑަށް ކިޔައިދިން، ދަރުސަކަށް ފުދޭ، ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ދާދި މިދާކަށްދުވަހު އޭނާގެ ބޭބެއަށް ދިމާވި ބިރުވެރި ޙާދިޘާއެއް މެއެވެ. ﷲ ގެ ހެޔޮރަޙުމަތުން މިޙާދިޘާ ދިމާވި އޭނާގެ ބޭބެއަކީ 5 ވަޤުތު ބަރާބަރަށް ނަމާދުކޮށްއުޅޭ އަޅުގަނޑުގެވެސް ގާތް އަޚެކެވެ. ދެންކޮންމެއަކަސް އެހެންރަށެއްގައި ދިރިއުޅޭ އެމީހުންގެ ގާތްތިމާގެ އަންހެންކުއްޖެއް ޖިންނި މޮޔަވުމުގެ ސަބަބުން ފަރުވާކުރުމަށް ރަށަށް ގެނެސްފައި ވެއެވެ.
އެހެންކަމުން ޖިންނި މޮޔަވެފައިވާ އެމީހުންގެ މިއުޚުތާގެ ގާތަށް އޭނާ ޒިޔާރަތް ކުރިއެވެ. އެހިނދުގައި އެކުއްޖާ އޮތީ ގައިމަތީގައި ބެޑްޝީޓް އަޅައިގެންނެވެ. އެގެޔަށް އައިސް އޭނާ ވަނުމާއެކު ގޭތެރޭގައި ތިބި މީހުން އަންހެންކުއްޖާއަށް ގޮވާލާފައި މިއޮއްއައީ ދޮންބޭބެއޭ ބުނެފިއެވެ. ހަމަ މިހެން ބުނުމާއެކު އެކުއްޖާ ވަރަށް ނުގޮތަކަށް ދެތިންފަހަރު އޭނާއާދިމާއަށް ވަށްކަޅިން ބަލާލާފައި ގައިގެމަތީއޮތް ބެޑްޝީޓް މޫނު މަތީގައި އަޅައިފިއެވެ! ދެން އޭގެ އިރުކޮޅެއްފަހުން އެކުއްޖާ މޫނުމަތިން ބެޑްޝީޓް ނަގައިފިއެވެ.
އެހިނދުގައި އެކުއްޖާގެ މޫނުވަނީ ކަޅުދެލިގަނޑެއް ފަދައިންނެވެ! އަދި ވަރަށް ބޮޑު ފިރިހެނެއްގެ އަޑުކަހަލަ ބަރުއަޑަކުން ހަޅޭއްލަވައި ގޮވަންފެށިއެވެ. “ހަމަމިހާރު އޭނާ މިގެއިންނެރޭ! އޭނާ މިގެއިން ނެރޭ! އެކަހަލަ ނަމާދުކުރާމީހުން މިގެޔަށް ވައްދައިގެން ނުވާނެ! އޭނާމިގެއިން ނެރޭ!” އޭނާބުނި ގޮތުގައި ބިރުން ފިތްކަނޑައިގެން ދާވަރުވިއެވެ! އޭނާ ގަންނާކުރެއްވި ބިރުން ބޭރަށް ނުކުމެއްޖެއެވެ. އަދިވެސް އެކުއްޖާގެ އަޑު ކަނޑައިގެން ނުދެއެވެ. އަދިވެސް އޭނާ ނުދެއޭ! އޭނާ މިތަނުން ފޮނުވާލާށޭ ގޮވާ ހަޅޭއްލަވާއަޑުއިވެއެވެ. އޭނާ އަވަހަށް ބިރުން އެސަރަހައްދުން ދިޔައީއެވެ.
އެންމެހާ އަޚުންނާއި އުޚުތުންނޭވެ. މިއީ ނަމާދުގެ ނަތީޖާއެވެ. ހެޔޮ ޢަމަލުކުރުމުގެ ނަތީޖާއެވެ. ނަމާދުން ތިމާމެންގެ ނަފްސުތަކަށް ރައްކާތެރިކަން ހޯއްދަވަމާ ހިންގަވާށެވެ. އެހެނީ އެއީ އެންމެހާ މުންކަރާތްތަށް ތިމާއާއި ދުރުކޮށްދޭ ކަމެކެވެ. ތިމާ ﷲ އާ ކުއްތަންވީ މިންވަރަކުން ވިޔާނުދާ އެންމެހާ ކުދިބޮޑު ޢަމަލުތައް ތިމާއާއި ދުރުވާނެއެވެ. އެހެނީ ތިމާ ހަމަމަގުން ކައްސުވާލާ ފަރާތަކީ ޝައިޠާނާއެވެ. ﷲ ޙަރާމްކުރެއްވި ކަންތައްތަކަށް ތިމާއަށް ދަޢުވަތުދީ ތިމާގެ ހިތް އެކަމަށް ލަންބުވާލާ ފަރާތަކީ އެއީއެވެ. ތިބާ ނަމާދަށް އަވަސްވެގަންނާށެވެ. ހެޔޮޢަމަލުތައް ކުރުން ގިނަކުރާށެވެ. ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް ޒިކުރުކުރުން ގިނަކުރާށެވެ. އޭރުން ޝައިޠާނާ ތިމާދެކެ ބިރު ގަންނާނެއެވެ. ތިމާ ނުބައި މަގުމަގުން ހިނގުމުގެ ދޮރުތައް ބަންދުވާނެއެވެ. އޭރުން ސީދާވެގެންވާ ތެދުމަގުގައި މާތް ﷲ ތިބާ ސާބިތު ކުރައްވާނެތެވެ.
މިކަމަށް އިޝާރާތް ކުރައްވާ ކީރިތި ޤުރުއާނުގައި އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. ﴿وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ﴾ (سورة العنكبوت 45) މާނައީ: “އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ.” ﷲ ގެ މިވަޙީ ބަސްފުޅަކީ ހަމަ ޙައްޤުތެދެވެ. އެހެނީ ނަމާދު އަދާކުރާ މީހާއާ ތިމާގެ ނަފްސަށް ނުބައި ކަންތައްތަކަށް ދަޢުވަތުދޭ ޝައިޠާނާ ދުރުވެއެވެ. އެހެންކަމުން ނުބައި ފާޙިޝް ޢަމަލުތައް ތިމާއާ ދުރުވެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދުގެ ސަބަބުން ތިބާއަށް ސުވަރުގެ ވަނުމުގެ ދޮރު ހުޅުވިދެއެވެ. ތިބާއީ ތެދުނިޔަތާއިއެކު އިޚްލާޞްތެރި ހިތަކާއިގެން ބަރާބަރަށް ނަމާދުކޮށްފައިވާ މީހެއް ކަމުގައި ވަނީނަމަ ޤިޔާމަތް ދުވަހުގައި އޭނާގެ ހިސާބު ލުއިވެގެން ވެއެވެ. އެހެނީ އެއީ ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ ޢަމަލެވެ. ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޡް ބަސްފުޅެއްގެ މާނާގައި ވެއެވެ. “ފަހެ ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ އަޅާގެ ހިސާބު ބެއްލެވޭ ޢަމަލަކީ ނަމާދެވެ! ފަހެ އެނަމާދު ރަނގަޅުވެއްޖެނަމަ އޭނަގެ އެހެން ހުރިހާ ޢަމަލެއް ރަނގަޅުވެދެއެވެ. އަދި އެނަމާދު ފާސިދުވެއްޖެނަމަ އޭނަގެ އެހެން ހުރިހާ ޢަމަލެއްވެސް ފާސިދުވާހުއްޓެވެ!”
މިފަދަ ލިޔުންތަކުގައި ޖަމާޢަތުގެ މާތްކަމުގެ ވާހަކަ ބަޔާންކޮށްނުލައި ކުރުކޮށްލުމީ ކޮށްގެންވާނެކަމެއްނޫނެވެ. އެހެނީ ޖަމާޢަތުގައި ކުރެވޭ ފަރުޟު ނަމާދަކީ ރޫޙާނީ ގޮތުންނާއި ޖިސްމާނީގޮތުން އަދި އިޖްތިމާޢީގޮތުންވެސް ގިނަގުނަ ފައިދާތަކެއް އޭގައި ﷲ ތަޢާލާ ލައްވަވާފައިވާ ކަމެކެވެ. އިންސާނުންނަކީ ފާފަކުރުން ގިނަބަޔަކަށް ވީހިނދު ތިމާކުރާ ހެޔޮޢަމަލެއްގެ ޘަވާބު ކުޑަކުޑަ ކަމަކުން އެތައް ގުނައަކަށް އިތުރުކުރުމަށް ނޭދޭނީ އަޅުގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “صلاة الجماعة تفضل صلاة الفذّ بسبع وعشرين درجة” (رواه ابخاري) މާނައީ: “ޖަމާޢަތުގައި ކުރާނަމާދު އެކަނިހުރެ ކުރާ ނަމާދަށްވުރެ 27 ދަރަޖަ އިތުރު ވެގެން ވެއެވެ.”
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑާއި އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަކީ އިޚްލާޞްތެރިކަމާއިއެކު ބަރާބަރަށް ނަމާދު ޤާއިމްކުރާ ބަޔަކުކަމުގައި ލެއްވުމެވެ. އަދި އަޅުގަނޑުމެންނަކީ ﷲ މަތިން އަބަދުވެސް ހަނދުމަކުރާ ގިނަގިނައިން ޒިކުރުކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. ޝައިޠާނާއާއި އޭނާގެ އެކުވެރިންގެ ނުބައި ރޭވުންތަކުން އަޅުގަނޑުމެން އެންމެން ސަލާމަތް ކުރެއްވުމެވެ. އާމީން!
(ލިޔުނީ: އަޙްމަދު ނާޒިލް ބިން މުޙައްމަދު ޢަލީ./ ދި އިސްލާމް ޑެއިލީ)

