ރޯދަމަހަކީ އަޅުކަމުގެ މަތިވެރި މޫސުމަކަށް ވާއިރު، ގިނަ ފަހަރަށް ކުޑަކުދިންނަށް މި މަސް ސިފަވަނީ “މަނާ” ކަންތައްތަކެއްގެ މަހެއްގެ ގޮތުގައެވެ. ކެއުންބުއިމާއި، ކުޅިވަރާއި، ނޭދެވޭ ބަސްތައް ބުނުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ މަހެއްގެ ގޮތުގައެވެ. ނަމަވެސް، ކުދިންގެ ހިތްތަކުގައި މި މުގައްދަސް މަހަށް ލޯބި ޖެއްސުމަށްޓަކައި، މިއީ އުފާވެރި އަދި ހިތްގައިމު ސެލެބްރޭޝަނެއްގެ ގޮތުގައި ދައްކައިދިނުން މުހިންމެވެ.
މި މަގްސަދު ހާސިލުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ:
. ގޭތެރެ ޒީނަތްތެރިކުރުން:
ޕާޓީތަކަށް ގޭތެރެ ޒީނަތްތެރިކުރާ ފަދައިން، ރޯދަ މަހަށް ހާއްސަކޮށްގެން ކުދިންނާއެކު ގޭތެރޭގައި ބައްތިތަކާއި ކުލަބޮކި އަދި ތަރި އާއި ހަނދުގެ ބައްޓަމަށް ހުންނަ ފަރުމާތައް ހަރުކޮށްލާށެވެ. ގޭތެރޭގެ މާހައުލަށް އަންނަ މި ބަދަލާއެކު، އާދަޔާ ހިލާފު އުފާވެރި މޫސުމެއް ކުދިންނަށް އިހުސާސްވާނެއެވެ.
. ރޯދަ ހިފަން ދަސްކޮށް ދިނުން:
7 އަހަރަށްވުރެ ކުޑަ ކުދިންނަށް އެއްކޮށް ރޯދަ ހިފަން އުނދަގޫވާނަމަ، ހެނދުނުގެ ސައިން ފެށިގެން މެންދުރު ކެއުމާ ހަމައަށް ރޯދައަށް ހުންނަން ހިތްވަރުދޭށެވެ. މީގެ ސަބަބުން ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ބޮޑެތި މީހުންނާއެކު ބައިވެރިވެވޭކަމުގެ އުފާ ލިބޭނެއެވެ. މީގެ އިތުރުން ރޯދަވީއްލުމާއި ހާރު ތައްޔާރުކުރުމުގައި ކުދިން ބައިވެރިކުރުވައި، ކާތަކެތި ތަރުތީބުކުރުން ފަދަ ކަންކަން އެކުދިންނާ ހަވާލުކުރާށެވެ.
. ކައުންޓްޑައުން ކަލަންޑަރާއި ހަދިޔާ:
ރޯދަ މަހުގެ ކޮންމެ ދުވަހަކަށް ހާއްސަ ކަލަންޑަރެއް ތައްޔާރުކޮށް، ކޮންމެ ދުވަހަކު ކުޑަ ހަދިޔާއެއް ނުވަތަ ކުރާނެ ހެޔޮ އަމަލެއް އޭގައި ހިމަނާށެވެ. މީގެ އިތުރުން “ސަދަގާތް ފޮއްޓެއް” ބަހައްޓައި، “މިއަދު ބޭބެއަށް ހިނިތުންވުމެއް ހަދިޔާކުރުން” ފަދަ ހެޔޮ އަމަލުތައް ލިޔެފައިވާ ކަރުދާސްކޮޅުތައް އޭގެ ތެރެއަށް ލާން ފަށާށެވެ. މިއީ ސަދަގާތަކީ ހަމައެކަނި ފައިސާ ނޫންކަން ދަސްކޮށްދޭން ލިބޭ ރަނގަޅު ފުރުސަތެކެވެ.
. ގުރުއާނާއި ސިޔަރަތުގެ ވާހަކަތައް:
ކުދިންނަށް އުނދަގޫވާވަރުގެ ބޮޑެތި ލަނޑުދަނޑިތަކުގެ ބަދަލުގައި، ކޮންމެ ދުވަހަކު ކުޑަ މިންވަރެއް ކިޔަވަން ނުވަތަ ކުރު ސޫރަތެއް ހިތުދަސްކުރަން އަމާޒު ހިފާށެވެ. އަދި ނިދުމުގެ ކުރިން ނުވަތަ ރޯދަވީއްލުމުގެ ކުރިން ކީރިތި ރަސޫލާގެ އޯގާތެރިކަމުގެ ވާހަކަތައް ކިޔައިދޭށެވެ. މިއީ އެކުދިންގެ ހަނދާނުގައި އަބަދުވެސް ހުންނާނެ ކަންކަމެވެ.
ކުޑަކުދިންނަށް ރޯދަ މަސް ދަސްކޮށްދޭންވާނީ ހަމައެކަނި ހަރުކަށި އުސޫލުތަކެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އޯގާތެރިކަމާއި، ދީލަތިކަމާއި، އާއިލީ ގުޅުން ބަދަހިކުރުމުގެ އުފާވެރި މޫސުމެއްގެ ގޮތުގައެވެ. މިގޮތަށް ކަންކަން ތަރުތީބުކުރުމުން، ކުދިން ބޮޑުވަމުން އަންނާނީ ރޯދަ މަހަށް އިންތިޒާރުކުރާ، އިސްލާމީ އާދަކާދަތަކަށް ލޯބިކުރާ ބައެއްގެ ގޮތުގައެވެ.

