މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލުމަށާއި 3 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި މަހުގެ 24 ވަނަ ދުވަހު މި ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ) ގެ މައްޗަށެވެ.
ޢަބްދުލްބާސިޠު ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ 2024 އޭޕްރީލް 27 ވަނަ ދުވަހުއެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނާ ގުޅިގެން ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ނެޓްވޯކެއްގެ އިސްފަރާތްތައް ހިމެނޭހެން، ޖުމްލަ 174 މީހުން އެކި ދުވަސްމަތިން ވަނީ ހައްޔަރުކޮށްފައެވެ. މި މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކޮށް، އޭގެ ތެރެއިން 78 މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
ތަހުގީގަށް ހޯދިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޢަބްދުލްބާސިޠުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތްތަކުން 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 19،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 11 ވަނަ ދުވަހު ކަމަށްވާއިރު، ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއާމަންޓްގައި ކަނޑައަޅާފައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

