ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގުމާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްގެން ގެންގުޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާތީއެވެ. މީގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި، ފޮޓޯ ލައިންއަޕް، ފުލުހުންގެ ހާދިސާ ރިޕޯޓް އަދި ކުށުގެ ރިކޯޑް ހިމެނެއެވެ.
ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ، ހައްޔަރުކުރި މީހާ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އޭނާއަކީ މީގެ ކުރިންވެސް ހައްޔަރު ނުވަތަ ބަންދު ރިކޯޑު އޮތް ފަރާތެއްކަން ފާހަގަކޮށްފައިވެއެވެ. ކޯޓުން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކަނޑައަޅާފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ވަނީ އޭނާގެ ދިފާއުގައި ވަކީލެއް އައްޔަންކުރުމުގެ ފުރުސަތަކަށް އެދިފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

