އެމްބިއުލަންސުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން ރާއްޖެ ގެނައި 56 އެމްބިއުލަންސް، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ރަށްތަކަށް ފޯރުކޮށްދީ ނިންމާލައިފިއެވެ.
އެމް.ޕީ.އެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ހެލްތުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރާއްޖެއަށް 56 އެމްބިއުލަންސް ގެނައުމަށް އެ ކުންފުންޏާ ހަވާލުކުރީ 2025 ވަނަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތުގެ ދަށުން އެމްބިއުލަންސްތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް އެމް.ޕީ.އެލް އިން ފެށީ 17 ޖަނަވަރީ 2026 ގައެވެ. އަދި މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 14 ފެބްރުވަރީ 2026 ގައެވެ.
ގެނެވުނު އެމްބިއުލަންސްތަކުގެ ތެރެއިން އެއް އެމްބިއުލަންސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ދީފައިވާއިރު، ބާކީ 55 އެމްބިއުލަންސް ފޯރުކޮށްދީފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްތަކަށެވެ. މިއީ ރަށްރަށުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
އެމްބިއުލަންސްތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ދުއްވުމާއި، މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މަޢުލޫމާތު އެމް.ޕީ.އެލްގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، މިހާރު ރަށްރަށުގައި ބޭނުންކުރަމުންދާ ބައެއް އެމްބިއުލަންސްތަކަށް ދިމާވެފައިވާ ފަންނީ މައްސަލަތައް ދެނެގަތުމަށްވެސް އެމް.ޕީ.އެލް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމް.ޕީ.އެލް އިން އިތުރަށް ބުނީ، ކުރިއަށް އޮތް ތަނުގައި ހެލްތު މިނިސްޓްރީއާއެކު ސަރވިސް ކޮންޓްރެކްޓެއްގެ ދަށުން އެމްބިއުލަންސްތައް ސަރވިސްކުރުމާއި، ބޭނުންވާ ސްޕެއަރ ޕާޓްސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި ފިޔަވަޅުގެ ސަބަބުން އެމްބިއުލަންސްތަކުގެ ޚިދުމަތް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ލިބިގެންދާނެއެވެ.

