ދިވެހި ފުލުހުންގެ ހިދުމަތުގައި 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވުމަށްފަހު، ރިޓަޔާ ކުރެއްވި ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ނަވީންގެ ދިގު އަދި ފާހަގަކޮށްލެވޭ ފުލުހުންގެ ކެރިއަރުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވި ނަވީންގެ ޝަރަފުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ ފުލުހުންގެ އިތުރުން މުއައްސަސާގެ މަދަނީ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ނަވީންގެ ލީޑާޝިޕާއި، މުޖުތަމައަށް ކޮށްދެއްވި ހިދުމަތްތަކުގެ ހަނދާންތައް އާކޮށް، އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށްފައިވެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ނަވީންގެ ކުރިމަގަށް ކާމިޔާބީއަށް އެދި، އޭނާ ކުރެއްވި އިހްލާސްތެރި ހިދުމަތަށްޓަކައި ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ރިޓަޔާވުމަށްފަހު ނަވީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، “އަޅުގަނޑު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މަސައްކަތް ކުރެއްވީ ފުލުހުންގެ ބެޖަށް ފުރިހަމައަށް އިޙްތިރާމްކޮށް، މުއައްސަސާއަށް އޮތް އިތުބާރު ދަމަހައްޓައި، ގައުމަށް އޮތް ލޯތްބާއި ގަދަރާ އެކުގައި” ކަމަށެވެ. އަދި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރުވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަވީން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. އޭނާގެ 32 އަހަރުގެ ދިގު ކެރިއަރުގައި ފުލުހުންގެ މުއައްސަސާގެ ހިންގުމުގެ އެކި ދާއިރާތަކުގައި އިސް ދައުރެއް އަދާކުރައްވައި، މުހިންމު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައިވެއެވެ. ނަވީން ރިޓަޔާ ކުރެއްވުމާ ގުޅިގެން، އޭނާ ކުރިން އަދާކުރެއްވި މަސްއޫލިއްޔާތުތައް މިހާރު ވަގުތީގޮތުން ހަވާލުކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާއެވެ.

