ޕޭޖެއްގެ ޑެލިވަރީއެއް ކޮށްދޭން ކަމަށް ބުނެ މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓު އޮފީހަށް ދިޔަ މީހަކު 75,000 ރުފިޔާއިން ޖޫރިމަނާކޮށް، 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ސ. މީދޫ، ހުދުވިލާގޭ، އަލީ މުފާވިޒުގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާ ހިނގާފައިވަނީ 20 ޑިސެމްބަރު 2023 ގައެވެ. ރާއްޖެ ގެނެސްފައިވާ ރީނދޫކުލައިގެ ފޮށިގަނޑެއް އެކްސްރޭ ކުރިއިރު ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، ކަސްޓަމްސް އިން ވަނީ އެ ފޮށިގަނޑު އިތުރަށް ބަލަން ނިންމާފައެވެ. އޭގެ ތިން ދުވަސް ފަހުން މުފާވިޒު އެ ފޮށިގަނޑު ބަލައި ޕޯސްޓް އޮފީހަށް ދިއުމުން، އޭނާގެ ހާޒިރުގައި ފޮށިގަނޑު ކަނޑައި ބެލިއިރު، އޭގެ ތެރޭގައި ހުރި ކުޑަކުދިންގެ ކުޅޭއެއްޗެހިތަކެއްގެ ތެރޭގައި އޮތް ދެ ފޮތެއްގެ ބަނޑޭރިގަނޑު ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނިފައިވެއެވެ. ތަހުލީލުތަކުން އެތަކެތި ވަނީ "ކެތިނޯން" އަށް ޕޮޒިޓިވް ވެފައެވެ.
ޝަރީއަތުގައި މުފާވިޒު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ "އެފްބީ ކާޓު" ނަމުގައި ޑެލިވަރީ ވިޔަފާރި ކުރާ މީހެއް ކަމަށާއި، އެދުވަހު ޕޯސްޓަށް ދިޔައީ "ރާއްޖެ ޑެލިވަރީ" ކިޔާ ޕޭޖަކަށް އައި ރިކުއެސްޓަކާ ގުޅިގެން ޕެކޭޖެއް ނަގައިދޭށެވެ. އަދި އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، "ރާއްޖެ ޑެލިވަރީ" ޕޭޖުގެ ވެރިޔާ ދިން ބަޔާނުގައި ބުނެފައިވަނީ މުފާވިޒު އެ ޕޭޖުގެ ޑެލިވަރީއަކަށް އެދުވަހު ގޮސްފައިނުވާނެ ކަމަށާއި، އޭނާއާއެކު މަސައްކަތް ކުރުން ހުއްޓާލާފައިވާތާ ދޮޅުމަސް ވެފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މަސްތުވާތަކެތި ހުރި ފޮއްޓާ ހަވާލުވެ، އެ ފޮށި ވަކި މީހަކަށް ހަވާލުކުރަން އުޅުނުކަން މުފާވިޒުގެ ބަހުން އެނގޭތީ ކުށުގެ އަމަލުގެ ރުކުން ފުރިހަމަވާ ކަމަށެވެ. އަދި ތަހުގީގާއި ޝަރީއަތުގައި އޭނާ ދެއްކި ވާހަކަތައް ދިމާނުވާތީ އާއި، ފޮށިގަނޑާ ހަވާލުވާން ބުނި މީހާގެ ފުރިހަމަ މައުލޫމާތު ދީފައިނުވާތީ، ކުށުގެ ނިޔަތް އޮތްކަން ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
މި މައްސަލާގައި މުފާވިޒުގެ މައްޗަށް އިއްވީ 18 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، މިހާރު ތަންފީޒު ކުރަން ޖެހެނީ 15 އަހަރާއި 11 މަހާއި 13 ދުވަހުގެ ޖަލު އަދަބެކެވެ. މީގެ އިތުރުން، 75,000 ރުފިޔާގެ ޖޫރިމަނާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

