ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި މަޝްހޫރު ފަންނާނު އަހުމަދު ނިމާލް މިއަދު ހެނދުނު ނިޔާވެއްޖެއެވެ. އުމުރުން 62 އަހަރުގެ ނިމާލް ނިޔާވީ ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 06:50 ހާއިރުއެވެ.
ނިމާލަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދޭން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ. އެންމެ ފުރަތަމަ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އޭނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތްވެސް އާއިލާއިން ކުރަމުންދިޔައެވެ. ނިމާލްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
1984 ވަނަ އަހަރު ރިލީޒްކުރި ފިލްމު “ނުފޫޒު” އިން ފިލްމީ ދާއިރާއަށް ތައާރަފްވި ނިމާލަކީ އެކްޓަރެއްގެ އިތުރުން ކާމިޔާބު ޑައިރެކްޓަރެއްވެސް މެއެވެ. އޭނާ ވަނީ ފިލްމީ ދާއިރާއަށް ކޮށްދިން އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް 1991 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކޮށްފައެވެ. އަދި “ވާލޯބި އެނގޭނަމަ” ފިލްމުން އެންމެ މޮޅު ޑައިރެކްޓަރުގެ ގައުމީ އެވޯޑުވެސް އޭނާ ވަނީ ހޯދާފައެވެ.
ނިމާލްގެ ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތައް:
- ސަޅިބައިސާ (ބިރުކުޑަ އަލީގެ ރޯލު)
- ސިޓީ (ލީޑް ރޯލު އަދި ޑައިރެކްޝަން)
- ޒަލްޒަލާ އަދި ޒަލްޒަލާ އެނބުރި އައުން
- އުދާސް
- ހިލިހިލާ
- ވާލޯބި އެނގޭނަމަ
- ޔޫސުފް
- އެ ދަރިފުޅު
- ނިއުމާ
- މި ހަށިން ފުރާނަ ދަންދެން
- ހެހެސް (އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމު)
ނިމާލަކީ ކުރީގެ މަޝްހޫރު ބަތަލާ ފާތުމަތު ރަމީޒާގެ ފިރިމީހާއެވެ. އަދި އޭނާއަކީ މިހާރުގެ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ ބައްޕަވެސް މެއެވެ. ނިމާލް ވަނީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބުވި ފިލްމުތައް ކަމަށްވާ “ކަނބުލޮ” އަދި “ލިލީ” ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

