މިދިޔަ އަހަރެކޭ އެއްފަދައިން، ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހު 10 އެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފިއެވެ. މި ނިންމުމާއެކު އަންނަ މާޗް މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، އަންނަ މާޗް މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރޯދަ މަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތައް ހުޅުވިފައެއް ނުހުންނާނެއެވެ. މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް ނިންމެވި ނިންމެވުމެކެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައި، އެކަމާ ގުޅޭ ރަސްމީ ދެންނެވުން ރައީސް އޮފީހުން އެންމެ ފުރަތަމަ އާންމު ކުރެއްވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.
މިގޮތަށް ހަމަޖެއްސެވި މައިގަނޑު މަގުސަދަކީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ އިތުރުން، އަޅުކަމުގެ ކަންކަމަށް އިސްކަން ދިނުމަށް ރައްޔިތުންނަށް ފުރުސަތު ދެއްވުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ސަރުކާރު ބަންދުވި ނަމަވެސް، ރޯދަ މަހުގެ ފަހުދިހައިގެ ދުވަސްތަކުގައި އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން އެ މުއައްސަސާއަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ހިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް އޮފީހުން ވަނީ އެދިވަޑައިގެންފައެވެ.

