ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް، ހާފިޒްކަމުގެ ސަނަދު އެރުވުމަށް މުޅިން އަލަށް ބާއްވަން ފެށި ދަސްވެނިވުމުގެ މި އަހަރުގެ ހަފްލާ އަންނަ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ރަމަޟާން މަހުގެ 12 ވާ އާދީއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ، މި އަހަރަކީ ތާރީހީގޮތުން އެންމެ ގިނަ އަދަދަކަށް ގުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު ކަމަށެވެ. މިއީ ގައުމީ ފެންވަރުގައި މިފަދަ ހަފްލާއެއް ބާއްވާ ދެވަނަ ފަހަރެވެ.
ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަދަދު އިތުރުވަމުންދާތީ، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ގައުމީ ފެންވަރުގެ ވަކި ހަފްލާއެއް ބާއްވަން ނިންމީ މިދިޔަ އަހަރުގައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ފުރަތަމަ ހަފްލާގައި 24 ހާފިޒަކަށް ވަނީ ހާފިޒުކަމުގެ ސަނަދު އަރުވާފައެވެ.
މި ހަފްލާއަކީ ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމަށާއި، އެ މަތިވެރި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކުރުމުގެ މަގްސަދުގައި ބާއްވާ ހަފްލާއެކެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ހަފްލާތަކުގެ ޒަރީއާއިން ގުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ގިނަ އަދަދެއްގެ ހާފިޒުން އުފެއްދުމަށް ބާރުއެޅުމެވެ.

