ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ނިމާލް ނިޔާވީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖުގައި، ތަމްސީލުކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ކުޅަދާނަ ފަންނާނު ނިމާލް ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައިވެއެވެ. އަދި ނިމާލްގެ ފުރާނައަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނެވެ.
1984 ވަނަ އަހަރު ރިލީޒްކުރި ފިލްމު “ނުފޫޒު” އިން ފިލްމީ ދާއިރާއަށް ތަޢާރަފްވި ނިމާލަކީ ދިވެހި ސިނަމާގައި ފާހަގަކޮށްލެވޭ އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މަޝްހޫރު އެތައް ފިލްމެއް ޑައިރެކްޓްކޮށް، ގިނަ އަދަދެއްގެ ތަމްސީލުތަކާއި ޕްރޮގްރާމްތައް ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.
ފިލްމީ ދާއިރާއަށް ނިމާލް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު އޭނާއަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަރުވާފައެވެ. ނިމާލް ނިޔާވުމަކީ ދިވެހި ފިލްމީ އާއިލާއަށާއި ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ހީނަރުކަމެކެވެ.

