ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ، ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލުމަށް ފުލުހުން އިއުލާންކޮށްފިއެވެ. މިއީ ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުއްޓާ، މަކަރާއި ހީލަތުން އެހެން ތަނަކަށް ބަދަލުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ހޯދާފައިވާ ތަކެއްޗެވެ.
މި މައްސަލައަކީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު، ހުއިފިލަނޑާގެ ވެރިފަރާތަށް އޮޅުވާލައިގެން އެ ތަކެތި ވަގަށް ނެގި ކަމަށް ބުނެ ޑިސެމްބަރު 31 ގައި ހުށަހެޅި މައްސަލައެކެވެ. ފުލުހުން މި ތަކެތި ހޯދާފައިވަނީ މާލޭގެ ދެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ތަކެތި ނީލަމުގައި ވިއްކާލަން ނިންމާފައިވަނީ ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގެ ގާނޫނީ ލަފާގެ މަތިންނެވެ. ޕީޖީ އޮފީހުން ލަފާދީފައިވަނީ މި މައްސަލައިގައި މިލްކުވެރިކަމާ މެދު ހިލާފު އުފެދި، ހަގީގީ ވެރިފަރާތް ކަނޑައެޅިގެން އެނގެން ނެތުމުން، އެ ތަކެތި އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.
ފުލުހުން ވިދާޅުވީ ޕީޖީ އޮފީހުގެ ލަފާގައި ވަނީ "މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް" ކަމަށެވެ. އަދި މިގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކޯޓުން ކަނޑައަޅާ ފަރާތަކަށް ހަވާލުކުރެވޭނެއެވެ.
މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފުލުހުން ހާމަކުރި ގޮތުގައި ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މާރިޗް މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

