ރާއްޖޭގެ ފަސް ރަށެއްގައި ފުޓްބޯޅަ ދަނޑު ގާއިމުކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުތަކަކީ ތިން އަތޮޅަކަށް ނިސްބަތްވާ ފަސް ރަށެއްގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން ފުޓްބޯޅަ ދަނޑުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރު، ރ. ރަސްމާދޫ، ރ. ފައިނު، ގދ. ތިނަދޫ އަދި ށ. ނަރުދޫގައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ.
މީގެ ތެރެއިން އުނގޫފާރު، ރަސްމާދޫ، ފައިނު އަދި ތިނަދޫގެ ފުޓްބޯޅަ ދަނޑު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ އިބްރާހިމް ރަމީޒް އަދި ހުސެއިން ނިހާދެވެ. ފިއުޗާ ހޯމްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އަލީ އަބްދުﷲއެވެ.
ށ. ނަރުދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނަވީޒެވެ. އަދި ވޭވް ލެންތް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޖަލީލެވެ.
މި މަޝްރޫއުތަކަކީ ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ.

