ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައި، އެ ބަދަލުތައް މިއަދު ރަސްމީކޮށް އިޢުލާންކުރައްވައިފިއެވެ. މި ބަދަލުތަކާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
މި ބަދަލުތައް ގެންނަވާފައިވަނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ގައި ބޭއްވި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ، އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާއަށް ރިޢާޔަތްކުރެއްވުމަށްފަހުގައެވެ. އެ ވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ވަނީ އެ ދެ ރަށުގައި ވަކި ކައުންސިލެއް އުފެއްދުމަށް ތާއީދުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، ކުރިން އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅުއްވާފައެވެ. މި ބަދަލާ ގުޅިގެން އައްޑޫ ސިޓީ އާއި، ހުޅުދޫ އަދި މީދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞް ދައްކުވައިދޭ ޗާޓުތައް ވެސް ވަނީ ގެޒެޓުކުރި ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގީ، ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. މިކަމަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ނިންމެވި ނިންމެވުމެއްކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56-1 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ ޤާނޫނީ މަސްއޫލިއްޔަތެކެވެ.

