މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ އަދި ޢާއިލީ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ، މިމަހުގެ 24 ވަނަ ދުވަހު ބްރިޖް ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވުމާގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ސިނަމާލެ ބްރިޖް ސަރަޙައްދުގައި ހިނގި މި ހާދިސާގައި، އުމުރުން 16 އަހަރުގެ ކިޔަވާ ކުއްޖަކު ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ. އަދި މި ހާދިސާގައި އަނިޔާވި އަނެއް ފަރާތަށް އަވަސް ޝިފާއަކަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، “މަގުމަތީގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހިފަންޖެހޭ އާދައެއް” ކަމަށެވެ. މިކަމުގައި މުޅި މުޖްތަމަޢުގެ އެއްބާރުލެއްވުމަށް އެދިވަޑައިގެން، ކޮންމެ ރައްޔިތަކުމެ ފަރުދީ އަދި ޢާއިލީ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރުއެވެ. ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ޕޭމަންޓް މައްޗަށް އަރައި ހިނގި މި ހާދިސާގައި، ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއަށާއި ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. މީގެ ތެރެއިން 16 އަހަރުގެ ކުއްޖާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާގެ ތަޙުޤީޤުން އެނގިފައިވާ ގޮތުގައި، ސައިކަލު ދުއްވަން އިން 19 އަހަރުގެ މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.

