ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް، މި އަހަރުގެ ރަމަޟާން މަހުގެ މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 15 މިސްކިތެއް ހުޅުވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިހާތަނަށް 15 މިސްކިތް ހުޅުވާފައިވާ ކަމަށެވެ. މީގެ ތެރޭގައި މި ސަރުކާރުގެ ޕްރޮޖެކްޓުތަކާއި، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއުތައް ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަމަޟާން މަސް ނިމުމުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، "ރޯދަ މަސް ނިމޭއިރަށް ހުޅުވޭ މިސްކިތްތަކުގެ އަދަދު ވިއްސަށް އަރާނެ" ކަމަށެވެ. އަދި ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ބައެއް ތަންތަން ހުޅުވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫއުތަކުގެ ތެރެއިން، ރައީސް ޑރ. މުއިއްޒު ވަނީ މި ރަމަޟާން މަހު މާލޭގައި އަލުން ބިނާކުރި މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުވައިދެއްވާފައެވެ. ހެޔޮ އެދޭ ފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެއްފަހަރާ 1,400 މީހުންނަށް ނަމާދު ކުރެވޭ ވަރުގެ ޖާގަ ތަނަވަސް މިސްކިތެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން އިސްލާމީ ދާއިރާއާ ގުޅުންހުރި 90 އަށްވުރެ ގިނަ މަޝްރޫއު މިހާރު ވެސް ކުރިއަށްދެއެވެ. މީގެ ތެރޭގައި އާ މިސްކިތްތައް ބިނާކުރުމުގެ އިތުރުން، މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

