ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިޢުލާނުކޮށްފިއެވެ. މި މަޝްރޫޢަކީ އެކި ފަންތީގެ މީހުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްއަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިހާރުވެސް އެކި ސަރަޙައްދުތަކުގައި 3,272 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ ތެރޭގައި ވިލިމާލޭގައި ތަރައްޤީކުރާ 312 ފްލެޓާއި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 546 ޔުނިޓްގެ އިތުރުން، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ 2,414 ޔުނިޓް ހިމެނެއެވެ. މި މަސައްކަތްތަކަކީ ބޭންކް އޮފް މޯލްޑިވްސްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.
ސަރުކާރުގެ އާ ސިޔާސަތުގެ ދަށުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހަމައެކަނި ސައްތަ އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް ހުޅުވާލާފައެވެ. މިގޮތަށް ހަމަޖެއްސުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކުގެ ދައުރު ފުޅާކޮށް، އެ ކުންފުނިތަކަށް ކުރިއެރުމުގެ މަގު ފަހިކޮށްދިނުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ފައިނޭންސް ހަމަޖެހިފައިވާ 4,000 ޔުނިޓާއި، ސަޢުދީ ފަންޑު އަދި ބޭރުގެ އެކި އެހީތަކުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތައް ހިމެނެއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި މި ހުރިހާ މަސައްކަތްތަކަކީވެސް މިހާރު ފަންޑިންގ ހަމަޖެހިފައިވާ، ބަޖެޓުގެ ތާށިކަމެއް ނެތި ކުރިއަށްދާ މަޝްރޫޢުތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިވަގުތު ރާއްޖޭގެ އެކި މަރުޙަލާތަކުގައި ޖުމްލަ 9,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށްވެސް އަތްފޯރާފަށުގައި އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިކޮށްދީ، ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ.

