ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރުވެސް ރައްޔިތުންނަށް އެންމެ ފައިދާވާނީ މި ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމުން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ތާރީޚީ ތަފާސްހިސާބުތަކަށް ބަލާއިރު ރިޔާސީ އިންތިޚާބާ އަޅާބަލާއިރު މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދެވެ. އެމަނިކުފާނު ހިއްސާކުރެއްވި ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީގައި ވޭތުވެދިޔަ ހަތަރު އިންތިޚާބުގައި ރިޔާސީ އިންތިޚާބުގައި ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތް އެވަރެޖްކޮށް 86 އިންސައްތައަށްވުރެ މަތީގައި ހުރިއިރު، މަޖިލިސް އިންތިޚާބުގައި އެ ނިސްބަތް ހުރީ 76 އިންސައްތައިގައެވެ.
މަޖިލިސް މެންބަރުންނަކީ ޤާނޫނުތައް ހެދުމާއި ބަޖެޓު ފާސްކުރުން ފަދަ މުހިންމު ޒިންމާތަކެއް އަދާކުރާ ބަޔަކަށް ވާތީ، އެ މެންބަރުންނަކީ ގިނަ ރައްޔިތުންގެ ވޯޓުން އިންތިޚާބުވާ ބަޔަކަށް ވުމަކީ ޑިމޮކްރަސީގެ އެންމެ ފުރިހަމަ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ. “ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ހުށައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ތަމްސީލްކުރަން ހޮވާ މަޖިލިސް މެންބަރުން ހޮވުމަށް ވީހާވެސް ގިނަ ރައްޔިތުން ނިކުތުން،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމުން ސަރުކާރުގެ ފުރަތަމަ އަހަރުން ފެށިގެން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަގުފަހިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު އޮންނަ ގޮތުން ވެރިކަމުގެ ކުރީކޮޅު އިދިކޮޅު މެޖޯރިޓީ އޮންނަ މަޖިލީހެއް އޮތުމުން، ބަޖެޓު ފާސްކުރުމާއި މަޝްރޫޢުތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދެ އިންތިޚާބު އެއް ތާރީޚެއްގައި ބާއްވާގޮތަށް ފާސްވެއްޖެނަމަ، އައު ސަރުކާރު ހަވާލުވެ ކުރިއަށް އޮންނަ އަހަރަށް ބަޖެޓު އެކުލަވާލުމުގެ މަސައްކަތްވެސް އައު މަޖިލީހުގެ ދަށުން ކުރިއަށްގެންދެވޭގޮތަށް މާލިއްޔަތު ޤާނޫނަށް އިޞްލާޙު ގެންނަވާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މި ބަދަލާ ދެކޮޅު ހަދަނީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ނުފޫޒު ފޯރުވުމުގެ އާދަ ހުންނާތީ ކަމަށްވެސް ރައީސް ތުހުމަތު ކުރެއްވިއެވެ.
މި ބަދަލާއެކު ދައުލަތުގެ މަސައްކަތްތައް އެއް އަމާޒަކަށް، ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން، ރައީސް ވަނީ މިއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

