ދައުލަތުގެ އަހަރީ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ތަރާވީހެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަޖިލީހުގައި އޮތީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ފަރާތްތަކުގެ މެޖޯރިޓީއެއް ކަމަށެވެ. އަދި 2024 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް މަޖިލީހުން އުނިކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ސަރުކާރުން 2024 ވަނަ އަހަރު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމައި، 2023 ވަނަ އަހަރު އެ ބަޖެޓް ފާސްކޮށް ދިނުމަށް ހުށަހެޅުމުން، މަޖިލީހުން އެ ފަހަރު ބަޖެޓް ފާސްކޮށްދީފައިވަނީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ވަރަށް ބޮޑު ބައެއް އުނިކޮށްފައި،” ރައީސް ވިދާޅުވިއެވެ.
ބަޖެޓުން ފައިސާ އުނިކުރުމުގެ ސަބަބުން މި އަހަރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެސް، ބަޖެޓް ފާސްކުރަންޖެހޭ ތާރީޚަށް ބަދަލުތަކެއް ގެންނަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ބަޖެޓް ފާސްކުރާ ތާރީޚު ޑިސެމްބަރު މަހަށް ބަދަލުކުރުމަކީ ސަރުކާރުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

