މި ރަމަޟާން މަހުގެ ދުވާލު ވަގުތު މާލޭގެ މަގުމަތީގައި ކައިގެން 26 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫއަށް ނިސްބަތްވާ ފިރިހެނެކެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިާއި ގަރީނާ ހުށަހެޅިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ތުހުމަތުކުރެވޭ ފަރާތުން ތަހުގީގަށް ދީފައިވާ ބަޔާން ހިމެނޭ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ރަމަޟާން މަހުގެ އިހުތިރާމް ކެނޑޭ ގޮތަށް ދުވާލު ވަގުތު އާންމު ތަންތަނުގައި ކައިބޮއި ހަދާ މައްސަލަތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ. މީގެ ކުރިންވެސް މިފަދަ އެކި މައްސަލަތަކުގައި މާލެއާއި އަތޮޅުތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

