ދިވެހީން މި ވަޠަނުގައި ދިރިއުޅޭތާ އެތައް ސަތޭކަ އަހަރެއް ވެފައިވާކަމަށް ހެކިދެނީ ދިވެހި ތާރީޚު ކަމަށާއި، އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި ކުރިއަށް އޮތް ޖީލުތަކަށް ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކީ ވެސް ދިވެހި ތާރީޚު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ތާރީޚު ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާޒީއާ ގުޅޭގޮތުން އަޑުއިވިފައިވާ ވާހަކަތަކުގެ އެންމެ ޖުމްލައަކުން ނުވަތަ ކާބަފައިންގެ ޒަމާނުން ފެންނަން ހުރި އެންމެ ތަސްވީރަކުން ވެސް އެތައް ހާސް ވާހަކައެއް ކިޔައިދޭ ކަމަށެވެ. އަދި މިއަދު ފެންނަން ހުރި ޤަދީމީ އާސާރުތަކުން ވެސް ދިވެހި އުންމަތުގެ މުއްސަނދިކަން ހާމަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ތާރީޚީ ކޮންމެ ކަމަކުން އަދުގެ ޖީލަށް މަގުދައްކައިދެނީ ޙަޔާތުގެ އެތައް ޢިބުރަތަކާއި ޙިކުމަތެއް ކަމަށެވެ. ދިވެހީން މި ފަޚުރުވެރި ޤައުމުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރު ވެފައިވާކަން ތާރީޚުން ސާބިތުވާ އިރު، މިއީ އަމިއްލަވަންތަކަން ދެމެހެއްޓުމަށް އޮތް އެންމެ ވަރުގަދަ ބިންގާ ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކުރުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވަމުން، ތާރީޚީ ޢިލްމު ފުޅާކޮށް އަންނަން އޮތް ޖީލުތަކަށް އެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ގިނަ މަޝްރޫޢުތަކެއް މިހާރު ވެސް ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޤައުމީ ތާރީޚު ދުވަސް ފާހަގަކުރަނީ ދިވެހި ތާރީޚު ދިރުވައި އާލާކުރުމަށާއި، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައެވެ.

