ސަރުކާރުގެ ޕްލޭނަކީ ބ. ދަރަވަންދޫ އެއާޕޯޓް އިތުރަށް ތަރައްޤީކުރުން ކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ހަނިފަރަށް ގެއްލުންވާ ގޮތަށް ދަރަވަންދޫ ހިއްކަން ނިންމާފައިވާ ކަމަށާއި އެއާޕޯޓްގެ ތަރައްޤީއަށް ސަރުކާރުން އިސްކަން ނުދޭ ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި އެ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫނެވެ. ސަރުކާރުގެ އަސްލު ޕްލޭނަކީ ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރުން ކަމަށާއި، ޚާއްސަކޮށް އެއާޕޯޓުގެ ޓާމިނަލް ތަރައްޤީކުރުމަށް އިސްކަންދެއްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދަތުރުވެރީންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު ވެސް ވަނީ މައުލޫމާތު ސާފުކޮށްދެއްވާފައެވެ. ޚާއްސަކޮށް ހަނިފަރަށް ގެއްލުންވާ ގޮތަށް ދަރަވަންދޫ ހިއްކަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ރަށު ފަޅު ހިއްކުމާ ގުޅޭ ޕްލޭނެއްގެ މަސައްކަތް މިދިޔަ އަހަރުގެ މެދުތެރޭގައި ކުރެވުނު ނަމަވެސް، ބިން ހިއްކުމުގެ އެއްވެސް މަޝްރޫޢެއް ކުރިއަށް ގެންދަން ނިންމާފައި ނުވާ ކަމަށެވެ.
މިނިސްޓަރު މުއްޠަލިބު އިތުރަށް ވިދާޅުވީ، ކުރިމަގުގައި އެފަދަ މަޝްރޫޢެއް ކުރިއަށް ގެންދާނީ ކަމާގުޅޭ އިދާރާތަކާއި ކައުންސިލަށް ވެސް ހިއްސާކުރުމަށް ފަހު ކަމަށެވެ. މިއީ ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދަކަށް ވާތީ، އެކަންކަމަށް ސަރުކާރުން ސަމާލުކަން ދޭނެ ކަމުގެ އިޝާރާތެއް މިނިސްޓަރު ވަނީ ދެއްވާފައެވެ.
ދަރަވަންދޫ އެއާޕޯޓަށް މިދިޔަ 12 ވަރަކަށް އަހަރު ސަރުކާރުތަކުން އަޅައިނުލައި އޮތުމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށު އެއާޕޯޓް ތަރައްޤީކޮށް ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

