ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ (ޗާގޯސް) މައްޗަށް ރާއްޖެއިން ކުރަމުންދާ ސިޔާދަތީ ދައުވާގެ ބާރު ބައިނަލްއަގުވާމީ މަސްރަހުގައި އިތުރުވެ، އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރުންގެ ފަރާތުން ރާއްޖެއަށް ތާއީދު ލިބެން ފެށުމާއެކު މޮރިޝަސްއިން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފިއެވެ. މޮރިޝަސްއިން މި ނިންމުން ނިންމާފައިވަނީ ފޯޅަވަހީގެ މައްޗަށް އެ ގައުމުގެ ސިޔާދަތީ މިލްކުވެރިކަން އޮންނާނެ ކަމަށް ރާއްޖެއިން ގަބޫލުނުކުރާކަން އިނގިރޭސި ސަރުކާރަށް ރާއްޖެއިން އެންގުމާ ގުޅިގެންނެވެ.
ޖިއޮގްރަފީގެ ގޮތުންނާއި ތާރީހީ ގޮތުން ރާއްޖެއާއި ފޯޅަވަހީގެ މެދުގައި ވަރުގަދަ ގުޅުމެއް އޮތް ނަމަވެސް، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެ ސަރަހައްދުގެ މައްޗަށް ސިޔާދަތީ ދައުވާއެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް ގުޅުންތައް ފާހަގަކުރައްވައި، އެ ސަރަހައްދުގެ މައްޗަށް ރާއްޖެއަށް ސިޔާދަތީ ހައްގު އޮތް ކަމަށް ދިވެހި ސަރުކާރުން ދެކޭކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގަވާފައެވެ.
އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް އެ ގައުމުން ނިންމާފައިވަނިކޮށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފައެވެ. މީގެ އިތުރުން އިނގިރޭސި ބަރުލަމާނުގައިވެސް މި މައްސަލައިގައި ބޮޑެތި ދެބަސްވުންތަކެއް ވަނީ އުފެދިފައެވެ. މިގޮތުން އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖު ވަނީ ބަރުލަމާނުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ދައުވާއަށް ތާއީދުކުރައްވާފައެވެ. “މޮރިޝަސްއަށްވުރެ އެ ސަރަހައްދު ލިބުމުގެ ހައްގުކަން ބޮޑީ ރާއްޖެއަށް” ކަމަށް ފަރާޖު ވިދާޅުވިއެވެ.
ނައިޖަލް ފަރާޖަކީ އެމެރިކާގެ ރައީސް ޓްރަމްޕާ ގާތް ގުޅުމެއް ބާއްވަވާ ނުފޫޒުގަދަ ލީޑަރަކަށްވާއިރު، އޭނާގެ ތާއީދު ރާއްޖެއަށް ލިބުމަކީ ފޯޅަވަހި ހޯދުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ފޯޅަވަހީގެ މައްސަލައިގައި އެމެރިކާގެ ދައުރު ބޮޑުވަނީ އެ ސަރަހައްދުގެ ޑިއޭގޯ ގާސިއާގައި އެ ގައުމުގެ ކަނޑުގެ އަސްކަރީ ބޭހެއް އޮތުމުންނެވެ.
މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ނިންމީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން ގަބޫލުނުކުރާތީ ކަމަށެވެ. އެފުރިކާ ބައްރުގައި އޮންނަ މޮރިޝަސްއާ ފޯޅަވަހީގެ މެދުގައި އެތައް ހާސް ކިލޯމީޓަރެއްގެ ދުރުމިން ހުރި ނަމަވެސް، ފޯޅަވައްސަކީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތް ރިޖްގައި އޮންނަ އަތޮޅެކެވެ.
ތާރީހީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އިހުޒަމާނުގައި ދިވެހި ރަސްރަސްކަލުންގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުތަކުގެ ތެރޭގައި ފޯޅަވަހި ހިމެނިފައިވެއެވެ. މި މައްސަލައިގައި ރާއްޖެއިން މިހާރު ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ސަބަބުން ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް އޮތް ތާއީދު ދަނީ އިތުރުވަމުންނެވެ.

