ބ. ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ ވަޒީރުން ވަނީ އެފަދަ އެއްވެސް މަޝްރޫއެއް މިވަގުތު ތާވަލުކުރެވިފައި ނެތްކަން ހާމަކުރައްވާފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރަވަންދޫ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް މިހާރު ކުރިއަށް ނުގެންދާ ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ މެދުތެރޭގައި ޕްރިލިމިނަރީ ކޮންސެޕްޓެއް ދިރާސާ ކުރި ނަމަވެސް، އެ ރަށުގެ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއަކަށް މިހާތަނަށް ހުއްދައެއް ދީފައެއް ނުވެއެވެ.
މުއްތަލިބު އިތުރަށް ވިދާޅުވީ، އެފަދަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައިފި ނަމަ، ރަށު ކައުންސިލާ ރަސްމީކޮށް މުއާމަލާތްކޮށް، މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށެވެ. އެހެންކަމުން މިހާރު ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ވަނީ ސާފުކޮށްދެއްވާފައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވެސް ވަނީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ދިގުކުރަން ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް މި ވަގުތަށް ރާވާފައި ނެތް ކަމަށް ވިދާޅުވެފައެވެ. އަމީން ވިދާޅުވި ގޮތުގައި ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އެއާޕޯޓުގައި މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްގީކޮށް ފެންވަރު ރަނގަޅު ކުރުމަށެވެ.
ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިން ތަރައްގީކޮށް، 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވި ދަރަވަންދޫ އެއާޕޯޓު މިހާރު ހިންގަމުން އަންނަނީ އައިލޭންޑް އޭވިއޭޝަނުންނެވެ. އެއާޕޯޓުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ޕަސެންޖާ ޓާމިނަލް ބޮޑުކުރުމުގެ ޑިޒައިން ހެދުމަށާއި ކޮންސަލްޓެންސީ ސާވިސް ފޯރުކޮށްދިނުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ މިހާރު ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދަރަވަންދޫ އެއާޕޯޓު ދާއިމީކޮށް އައިލޭންޑް އޭވިއޭޝަނާ ހަވާލުކުރަން ނިންމަވާފައިވާކަން މީގެ ކުރިން އިއުލާނު ކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ އެއާޕޯޓުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރައްޔިތުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

