ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ހުޅުވާލައިފިއެވެ. 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވެއެވެ.
މި މަންދޫބުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ މަރުކަޒުތަކުގައި އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުމެވެ. މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ 18 އަހަރު ފުރިފައިވާ ދިވެހިންނަށް ވާންޖެހޭއިރު، ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވަތަ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކަށް ވެގެންނުވާނެއެވެ. އަދި ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެސް ނުވެވޭނެއެވެ.
އިންތިޚާބުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ހިފެހެއްޓުމުގެ ގޮތުން ވަކި ދާއިރާތަކެއްގައި މަސައްކަތްކުރާ ފަރާތްތަކަށް މަންދޫބަކަށްވުމުގެ ފުރުޞަތު ނޯންނާނެއެވެ. އޭގެ ތެރޭގައި ފަނޑިޔާރުން، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ވެރިން، ދިވެހި ފުލުހުން އަދި ސިފައިން ހިމެނެއެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތެއްގައި ހަވާލުވެހުރި މީހަކަށް ނުވަތަ އިންތިޚާބުގައި އިތުރު މަޤާމަކަށް ކުރިމަތިލާފައިވާ މީހަކަށް ވެސް މި ފުރުޞަތެއް ނޯންނާނެއެވެ.
މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް ބޯލަނބަންޖެހޭ ފަރާތްތަކެކެވެ. އެގޮތުން، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވުމަކީ މަންދޫބަކަށް ވުމަށް ލާޒިމްކުރާ ކަމެކެވެ.
މި އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. މި މަސައްކަތް ކުރިއަށްގެންދާނީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކެންޑިޑޭޓުން އަމިއްލައަށެވެ.
މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ފެބުރުވަރީ 28 އިން ފެށިގެން 2026 މާރިޗު 07 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ 3004432 ނުވަތަ 3004433 ނަންބަރަށް ގުޅުއްވުމަށް އެ ކޮމިޝަނުން އިރުޝާދު ދެއްވައެވެ.

