ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުރަތަމަ ފަހަރަށް އެކުލަވާލި "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު" 2024 މޭ 23 ގައި ތަސްދީގުކުރުމާ ގުޅިގެން، ކާބޯތަކެތި ޕެކޭޖުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑުތައް ހަރުދަނާކުރުމުގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ބާރުސްޕީޑުގައި ފަށައިފިއެވެ. މި ޤާނޫނަކީ ކާބޯތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓްކުރުމާއި، ފެންވަރު ހިފެހެއްޓުމުގެ އިތުރުން ޚިދުމަތްދޭ ތަންތަނުން އަމަލުކުރަންޖެހޭ ސިއްޙީ މިންގަނޑުތައް ކަނޑައަޅާ ޤާނޫނެވެ.
ޕީ.އެސް.އެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމް.އެފް.ޑީ.އޭގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރ ޚާލިސާ މުޙައްމަދު ވިދާޅުވީ، ކާބޯތަކެތި ލޭބަލްކުރުމާ ގުޅޭ ޤަވާއިދުގެ ފައިނަލް ޑްރާފްޓް އެކުލަވާލައި، ބަންޑާރަނައިބުގެ ލަފާގެ މަތިން މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި ޤަވާއިދުގެ ދަށުން، ރާއްޖެ އެތެރެކުރާ ކާބޯތަކެތީގައި ހުންނަ އެކި ބަސްބަހުގެ ލޭބަލްތައް ދިވެހި ނުވަތަ އިނގިރޭސި ބަހަށް ބަދަލުކުރުމުގެ މިންގަނޑު ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެގެންދާނެއެވެ.
ރާއްޖޭގެ މާކެޓުގައި ހިމެނޭ ކާބޯތަކެތީގެ 96 އިންސައްތައަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެތި ކަމަށްވާއިރު، އާ ޤާނޫނުގެ ދަށުން ޕޯޓުން ދޫކުރުމަށްފަހު އަލުން ރީ-ލޭބަލް ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ. ޚާލިސާ ވިދާޅުވި ގޮތުގައި، "މި ޤަވާއިދުގެ މަޤުޞަދަކީ ވިޔަފާވެރިންނަށް ފިޔަވަޅު އެޅުމެއް ނޫން، ބޭނުމަކީ ސިއްޙީ ރައްކާތެރިކަން އިތުރުކުރުން" ކަމަށެވެ.
އާ ޤާނޫނުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ގަޑުބަޑުކޮށްފައި ހުންނަ ތަކެއްޗާއި، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައި ހުންނަ ތަކެތި ވިއްކާ ފަރާތްތައް 10,000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ އަމަލެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެނަމަ، 1 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކާބޯތަކެތީގެ ލޭބަލްގައި ހިމަނަންޖެހޭ މުހިންމު މަޢުލޫމާތުތަކުގެ ތެރޭގައި އުފެއްދި ކުންފުނީގެ މަޢުލޫމާތާއި، ބޭނުންކޮށްފައިވާ ބާވަތްތަކާއި، އެލަޖީއާ ގުޅޭ މަޢުލޫމާތުގެ އިތުރުން މުއްދަތު ހަމަވާ ތާރީޚު ސާފުކޮށް އެނގެން އޮންނަންޖެހެއެވެ. އެމް.އެފް.ޑީ.އޭ އިން އަންނަނީ މި ޤާނޫނުގެ ދަށުން ޖުމްލަ 21 ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

