މަގޫދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި، މަގޫދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކޮލަމް އެކްސްޓެންޝަން ޝަޓަރިންގެ މަސައްކަތްތަކެވެ. މި މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއަކީ ޖުމްލަ 5.34 މިލިއަން ރުފިޔާ އަށް، 240 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ސެންޓަރުތަކަކީ އެކިކަހަލަ ކަސްރަތުތަކާއި ކުޅިވަރުތައް ކުޅެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ ތަންތަނެވެ.
ސަރުކާރުން މިފަދަ ސެންޓަރުތައް ގާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި ހިތްވަރު ދިނުމެވެ. މިއީ ރަށްރަށުގެ އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ސަރުކާރުން ކުރައްވާ ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

