މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދިވެހިރާއްޖެއިން އުމްރާއަށްދާ ފަރާތްތަކާއި މިހާރު މައްކާގައި ތިބި އުމްރާވެރިން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިލްތިމާސްކޮށްފިއެވެ.
މިއަދު އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން އުމްރާވެރިންގެ ރައްކާތެރިކަމަށްޓަކައި ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިއްބެވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އުމްރާ ދަތުރުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި، ސައުދީ އަރަބިއްޔާގެ ސަރުކާރުންނާއި ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި ސަމާލުކަން ދިނުމަށް ވެސް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މައްކާގައި ތިބި ދިވެހި އުމްރާވެރިންގެ ހާލަތު އެ މިނިސްޓްރީގެ ފަރާތުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން، އުމްރާވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ހޮޓްލައިން ނަންބަރެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ ނަންބަރު ގާއިމުކުރެވުނުހާ އަވަހަކަށް އާންމުކުރާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އުމްރާގެ އަޅުކަމުގައި އުޅޭ ފަރާތްތަކަށް ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ގުޅޭނެ އިންތިޒާމުތައް ވެސް މިނިސްޓްރީން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ތިރީގައިވާ ނަންބަރުތަކަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ:
- ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހި އެމްބަސީގެ ހޮޓްލައިން: +966506894477
- ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ ހޮޓްލައިން: +966530838329
މެދުއިރުމަތީގައި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، އެ ސަރަހައްދުގެ މަޝްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން ދަނީ ބޭރު ގައުމުތަކުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

