\މި ހިނގާ 2026 ވަނަ އަހަރުގެ ތެރޭގައި ޖުމްލަ ހަތް ރިސޯޓެއް އަލަށް ހުޅުވައި، ފަތުރުވެރިކަމުގެ ސިނާއަތަށް 1،000 އަށްވުރެ ގިނަ އެނދު އިތުރުވެގެންދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތަށް 7،000 އަށްވުރެ ގިނަ އެނދު އިތުރުކުރެވިފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އެނދު އިތުރުވެފައިވަނީ ގެސްޓުހައުސްތަކުންނެވެ. އެގޮތުން ގެސްޓުހައުސްތަކުން 4،062 އެނދު އިތުރުވިއިރު، ރިސޯޓުތަކުން 1،554 އެނދު، ހޮޓާތަކުން 708 އެނދު، ލިވްބޯޑުތަކުން 503 އެނދު އަދި ހޯމްސްޓޭގެ 368 އެނދު ވަނީ ބާޒާރަށް ނެރެފައެވެ. މި މުއްދަތުގައި ޖުމްލަ 7،195 އެނދު ވަނީ ސިނާއަތަށް އިތުރުވެފައެވެ.
ނިމިދިޔަ 2025 ވަނަ އަހަރު މިނިސްޓްރީން ދޫކުރި ހުއްދަތަކުގެ ތަފުސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ޖުމްލަ 43 ރިސޯޓަކަށް ހުއްދަ ދޫކުރިއިރު، 280 ގެސްޓުހައުސްއަކަށާއި، 122 ޑައިވް ސެންޓަރަކަށް އަދި 14 ހޮޓަލަކަށް ވިޔަފާރި ލައިސެންސް ދޫކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް 168 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
“މި އަހަރު މުޅިން އަލަށް ނިންމައި ހުޅުވޭ ހަތް ރިސޯޓާއެކު، ހަމައެކަނި ރިސޯޓުތަކުން ބާޒާރަށް 1،000 އަށްވުރެ ގިނަ އެނދު ނެރެވިގެންދާނެ،” ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ގެސްޓުހައުސްތަކާއި ލިވަބޯޑުތައް ރަޖިސްޓްރީކުރެވެމުންދާ މިންވަރަކުން މި އަހަރު އިތުރުވާ އެނދުގެ އަދަދު މިއަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ހަ ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުން ކަމަށްވެސް ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވިއެވެ.

