އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާ މަޤްޞަދު އޮޅުވާލަންކަމަށް ވެރިކަން ކުރާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ. އެ ޕާޓީން ވަނީ އަންނަ މަހު ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ތާޢީދުކުރާކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއެކު، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރަން ފެނޭތޯ ބެލުމަށް އާންމު ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ ވޯޓެކެވެ.
މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު މިކަމާ ދެކޮޅަށް ނުކުމެފައިވީ ނަމަވެސް، މިއީ މީގެ ކުރިން އެ ފަރާތްތަކުން ވެސް ތާޢީދުކުރި ކަމެއް ކަމަށެވެ. “މިމައްސަލައަކީ އަޅުގަނޑުމެން ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ކުރީގެ ހުރިހާ ސިޔާސީ ޕާޓީއެއްވެސް، ހުރިހާ ވެރިންވެސް ވަރަށް ބޮޑަށް އިއްތިފާޤު ވެފައި އޮތް މައްސަލައެއް މިއީ،” ފަލާޙް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ ރިޔާސީ ދައުރު ދަންމާލުމަށް ކުރާ ކަމެއް ކަމަށް އިދިކޮޅުން ދައްކާ ވާހަކަތައް ޕީއެންސީން ވަނީ ދޮގުކޮށްފައެވެ. ފަލާޙް ވިދާޅުވީ ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އިންތިޚާބުތައް މަދުކުރުމުން ރައްޔިތުންގެ ބަސް ބުނުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ބުނާ ބުނުމަށް ވެސް އޭނާ ރައްދު ދެއްވިއެވެ.
ފަލާޙް ފާހަގަކުރެއްވި ގޮތުގައި، ބޮޑު ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވި ނަމަވެސް، ކޮންމެ ރިޔާސީ ދައުރެއްގެ މެދުތެރެއިން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެއެވެ. އެހެންކަމުން، ސަރުކާރާ މެދު ރައްޔިތުން ދެކޭ ގޮތް ހާމަކުރުމުގެ ފުރުސަތު ދައުރުގެ މެދުތެރެއިން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީން ބުނީ ފެންނަ ނުފެންނަ ވޯޓުގައި އެ ޕާޓީން ތާޢީދުކުރާނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ކަމަށާއި، މި ބަދަލަށް ވަރަށް ގިނަ ރައްޔިތުންގެ ތާޢީދު އޮތް ކަމަށް ޤަބޫލުކުރާ ކަމަށެވެ.

