ކ. މާފުށްޓާއި އެރަށު ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން މިއަދު ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު މާފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން މާފުށްޓާއި އެރަށުގެ ހިއްކާފައިވާ ސަރަހައްދާ ދެމެދު 137 މީޓަރުގެ ބްރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޖުމްލަ 35.42 މިލިއަން ރުފިޔާ ހަރަދުކޮށްގެން 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ އެއްރަށް ކަމުގައިވާ މާފުށީގައި މި ފެށިގެންދާ ބުރިޖު މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސަހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި ބުރިޖާއެކު ލަފާ ފުރުމާއި، މުދާ އުފުލައި ބޭލުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާވެ، ހަލުވިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

