ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޡުކަމުގެ ސަނަދު ހާސިލުކުރި 50 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑައްޔާއި އިނާމު ދެއްވައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް ދަސްވެނިވި 31 ޙާފިޡުންނަށް ސަނަދާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. މިއީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޡު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ، އަލަށް ދަސްވެނިވި ޙާފިޡުންނެވެ. މީގެ ތެރޭގައި ހިމެނެނީ 19 އަންހެން ޙާފިޡުންނާއި 12 ފިރިހެން ޙާފިޡުންނެވެ. މީގެ ތެރެއިން 23 ޙާފިޡުންނަކީ 12 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނެވެ.
މީގެ އިތުރުން، 3 ސެޕްޓެމްބަރު 2024 އިން 18 މާރިޗު 2025 ގެ ނިޔަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙިފްޡު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ ސަނަދު ޙާޞިލުކޮށްފައިވާ އިތުރު 18 ޙާފިޡުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ މެޑައްޔާއި އިނާމު ހަވާލުކޮށްދެއްވާފައެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ޙާފިޡުކަމުގެ އިމްތިޙާނު ހަދައި ދަސްވެނިވި އަހަރު ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ދުރުރާސްތާ އަމާޒަކީ “އާބާދީގެ ނިސްބަތުން އެންމެ ޙާފިޡުން ގިނަ އިސްލާމީ ޤައުމަށް ދިވެހިރާއްޖެ ހެދުން” ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 26 ފެބުރުވަރީ 2026 ގެ ނިޔަލަށް ރާއްޖޭގައި ތިބީ 139 އަންހެން ޙާފިޡުންނާއި، 162 ފިރިހެން ޙާފިޡުންނެވެ. ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރު އެކަނިވެސް މި ދާއިރާއަށް 19 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުންކަން ހާމަކުރައްވަމުން، 2026 ވަނަ އަހަރުގެ ތެރޭގައި މިފަދަ 50 ގޮފި ޤާއިމުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަހަރުގެ މިހާތަނަށް މިފަދަ 6 ގޮތްޕެއް ރަޖިސްޓަރ ކުރެވިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

