މާލޭގެ ޓޭކްއަވޭ ހިދުމަތް ދޭ ތަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅެމުންދިޔަ އާއިލާއަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން ވިދާޅުވީ މއ. ރިމްލާސްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެ ގޭގައި ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ އޮތޯރިޓީން ވަނީ ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން މިހާރު ފޯރުކޮށްދީފައެވެ.
މާލޭގައި ޓޭކްއަވޭ ހިދުމަތްދޭ ތަނެއްގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 3:00 ހާއިރެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ދަންވަރު 3:06 ގައެވެ. އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސް އިން ކުރި ބުރަ މަސައްކަތުން އަލިފާންގަނޑު ފަތިހު ވަނީ އެއްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި އެ ތަން އެއްކޮށް އަނދާ ހުލިވެފައިވީ ނަމަވެސް، އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަލިފާން ރޯވި ސަރަހައްދުގައި ސިފައިންނާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

