ރާއްޖެއިން މިއަހަރު ދައްކަން ޖެހޭ އެންމެ ބޮޑު ބޭރުގެ ދަރަނި ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސްކޫކް، ވަގުތުން ވަގުތަށް ދައްކަން ޖެހިއްޖެ ނަމަވެސް އެ ފައިސާ މިއަދު ވެސް ދެއްކޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް 8 ވަނަ ދުވަހު ރާއްޖެއިން ސްކޫކަށް ދައްކަން ޖެހޭ ފައިސާ އެކީ ދައްކާ ހަލާސްކުރާނޭ ކަމަށެވެ. އަދި އެ ތާރީހުގައި ފައިސާ ދެއްކުމަށްޓަކައި މިހާރު ވެސް 650 މިލިއަން ޑޮލަރު ރައްކާކުރެވިފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
“އެ ތާރީހުގައި ފައިސާ ދައްކަން ރައްކާކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރު. އެހެންވީމާ، 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކާފައި 150 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހުންނާނެ،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސްކޫކް ދެއްކުމަށް އެއްކޮށްފައިވާ ފައިސާގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި 320 މިލިއަން ޑޮލަރު ހުރިއިރު، ބޭނުންކުރެވޭ ރިޒާވްގައި 330 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު 1.27 ބިލިއަން ޑޮލަރު ހުރިކަން ފާހަގަކުރައްވައި، މިއީ ރެކޯޑް އަދަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދަރަނި ދެއްކުމާ މެދު އެއްވެސް ހާސްކަމެއް ނެތް ކަމަށާއި، ރާއްޖެއިން ބޭރަށާއި އެތެރޭގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް ދެއްކޭނެ އުސޫލަކުން ސަރުކާރުން ކަންކަން ރާވައިގެން ކުރިއަށް ގެންދާ ކަމަށެވެ.
“އަޅުގަނޑުމެން މިވަނީ މިއަދުން މިއަދަށް ވެސް މިހާރު ވެސް ސްކޫކް ދެއްކޭ ވަރަށް ތައްޔާރުވެފައި،” ރައީސް ވިދާޅުވިއެވެ.

