ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު އިލެކްޝަން ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.
އީސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޭޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު، މާރިޗު މަހުގެ 10 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
މިފަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 2،960 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެތެރޭގައި ހިމެނެނީ ޕީއެންސީގެ 1،322 ކެންޑިޑޭޓުންނާއި، އެމްޑީޕީގެ 905 ކެންޑިޑޭޓުންނެވެ. މީގެ އިތުރުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި 644 ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރާނެއެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އީސީން ހާމަކޮށްފައިވާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ ނިމުމުންނެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، އެ ދުވަހު މުހިންމު އެހެން ވޯޓެއްވެސް ކުރިއަށްދާނެއެވެ. އެއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓެވެ.

