ސިނަމާލެ އާއި މާލެހިޔާ ފްލެޓުތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު، އެ ފްލެޓްތަކުގައި އުޅޭ މީހުންގެ ޖޫރިމަނާ އެއްކޮށް މާފުކޮށްދީ، އެ މީހުންނަށް 1 ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ނިންމުމަކީ ރިޝްވަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ އަދި ކެމްޕޭން ތެރޭގައި ވެސް އިއުލާނު ކުރައްވާފައިވާ ކަމެއް ކަމަށެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، 1990ގެ އަހަރުތަކުގައި ސިނަމާލެ 1 ހުޅުވައި މީހުން އުޅެން ފެށި ފަހުން އެ ތަންތަން މަރާމާތު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ. “މި ތަންތަން ހުރީ މީހުންގެ ބޯމައްޗަށް ވެއްޓޭ ހިސާބުގައި. އެހެންވީމާ އަޅުގަނޑު ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ވައުދުވީ،” ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ފައިސާ ދިނުމަށް ކެބިނެޓުން ނިންމާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
މި މަސައްކަތް ތަންފީޒު ކުރުން ލަސްވެގެން ދިޔައީ މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. ސޯޝަލް ހައުސިންގެ މި އިމާރާތްތަކުގެ ޝީޓުތައް ފަލައިގެން ގޮސް، ބައެއް ތަންތަން ހުރީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، ބައެއް އާއިލާތަކުން އަމިއްލަ ހަރަދުގައި ވެސް ބައެއް މަރާމާތުތައް ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ އިމާރާތްތަކުގެ ބަދަލުގައި އާ އިމާރާތް އެޅެންދެން ވެސް ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ އެތަނުގައި ކަމަށްވާތީ، އެތަންތަން މަރާމާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. “އެއީ ސަރުކާރުގެ ޒިންމާއެއް. ރައްޔިތުން ބިކަހާލުގައި ޖައްސައިގެން އުޅުމަކީ ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން،” ރައީސް ވިދާޅުވިއެވެ.
މި ނިންމުމަކީ އިންތިހާބާ ދިމާކޮށް ރިޝްވަތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ އަދި ކުރިންވެސް ނިންމާފައިވާ ކަމެއް ކަމަށެވެ.

