ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް ނުފޫޒު ގަދަ މީހުންނަށް އެ ކުދިން ވިއްކި ސެކްސް ޓްރެފިކަރު، އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުންތަކެއް ބޭއްވި މައްސަލަ ފެންމަތިވުމުން، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމުން ކަމަށް އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕްސްޓީންއާ ގުޅުން ބަދަހިކުރިކަން އާންމުވުމުން ވެސް ވަހީދާ މެދު ސަރުކާރުން ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، “އަޅުގަނޑަށް ތިކަން އެނގުނު ހިސާބުން އަޅުގަނޑު ވަހީދަށް ދެންނެވީ އިސްތިއުފާ ދިނުމަށް. އެހެންވެ އިސްތިއުފާ ދެއްވީ،” ކަމަށެވެ. ރައީސްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ވަހީދު އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި އެޕްސްޓީންގެ މެއިލްތަކުގައި ވަހީދު އޭނާއަށް ފޮނުއްވި ބައެއް މެއިލްތައް ވަނީ ހިމެނިފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް މަޝްރޫއުތަކެއް ކަމަށްވާ ފުއްގިރި އާއި އިންނަހެރާ މަޝްރޫއާ ގުޅޭ ގޮތުން އެޕްސްޓީންއާ މަޝްވަރާ ކުރެއްވުމަށް ހުށަހަޅުއްވާފައިވާ މެއިލްތައް ހިމެނެއެވެ. އެގޮތުން ފުއްގިރި ތަރައްގީކުރަން ބޭނުންވަނީ ވީއައިޕީ މީހުންނަށް ހާއްސަކޮށްގެން ކަމަށާއި، އެޕްސްޓީންއާ ގުޅިގެން މެދުއިރުމައްޗާއި ރަޝިއާގެ ވިޔަފާރިވެރިން މެދުވެރިކޮށް އެ ރަށް މެނޭޖު ކުރެވޭނެ ކަމަށް ވަހީދު ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، ވަހީދު ނައިބު ރައީސްކަމާއި ރައީސްކަމުގެ މަގާމު ފުރުއްވި ފަސް އަހަރުގެ މައްޗަށް އިނގިރޭސި ބަހުން ފޮތެއް ނެރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނުވަތަ އެމެރިކާއިން އެ ފޮތް ނެރެދޭނެ ފަރާތެއް ހޯދައިދިނުމަށް ވެސް އެޕްސްޓީންގެ ކިބައިން އެދިވަޑައިގެންފައިވާކަން އެ މެއިލްތަކުން ހާމަވެއެވެ.
މި މައްސަލައިގައި ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕްސްޓީންއާ އެކު ބައްދަލުކުރެއްވީ ދެ ފަހަރެއްގެ މަތިން ކަމަށާއި އެއީ ރަސްމީ ހައިސިއްޔަތުން ބޭއްވި ބައްދަލުވުންތަކެއް ކަމަށެވެ. ފުރަތަމަ ބައްދަލުވުމަކީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރޭގަނޑުގެ ކެއުމެއް ކަމަށާއި، އޭގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ދެވަނަ ބައްދަލުވުމަކީ 2014 ވަނަ އަހަރުގެ މޭ މަހު އެމަނިކުފާނުގެ ދަރިކަލުންނާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

