މ. ރަތްމަންދޫ ރައްޔިތުން ކ. ތުލުސްދޫއަށް ހިޖުރަކުރުމަށް ބޭނުންވާ ބިން އެރަށު ކައުންސިލުން ހަމަޖައްސައިދީފައިވާތީ، އެކަން ރަތްމަންދޫ ކައުންސިލަށް އަންގާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މ. ރަތްމަންދޫ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ތުލުސްދޫއިން މިހާރު ވަނީ 44 ގޯތި ހަމަޖައްސާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، މާލެ ކައިރި އަދި ޚިދުމަތްތައް ފުރިހަމަ ރަށަކަށް ރައްޔިތުން ހިޖުރަކުރުމަށް ފަހިކޮށްދޭ ފުރުޞަތެކެވެ.
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ރަތްމަންދޫގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ގެއަކަށް ބަދަލުގައި ތުލުސްދޫގައި 3 ކޮޓަރީގެ ގެއެއް އަޅައިދިނުމަށް ވަނީ ނިންމާފައެވެ. އަދި ހިޖުރަކުރާ އާއިލާތަކަށް ދޭ 50،000 ރުފިޔާގެ އިނާޔަތް ބޮޑުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އެ ރަށަށް ބަދަލުވެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ރަތްމަންދޫގެ އާބާދީ ކުޑަވުމާއި، އަސާސީ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން ގިނަ ރައްޔިތުން ތިބީ ރަށުން ބަދަލުވާން ބޭނުންވެފައެވެ. މިގޮތަށް ރައްޔިތުން އެއްފަސްކުރުމުގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ސިއްޙީ ޚިދުމަތް ފަދަ އަސާސީ ބޭނުންތައް ފަސޭހައިން ލިބޭނެ ތަނަވަސް މާޙައުލެއް ރައްޔިތުންނަށް ހޯދައިދިނުމެވެ.

