ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި 465,726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 300 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 133 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމާއި، 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، 1,462 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 9,206 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރެވޭނެއެވެ. އަދި ފަރެސްމާތޮޑާގެ މި ތަރައްގީގެ މަޝްރޫއުގެ ތެރެއިން 6 މީޓަރު ދިގު، 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ ޖުމްލަ 209.43 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

