ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ ކީރިތި ޤުރުޢާނާއި ސުންނަތުގެ އަލީގައި ކަމަށް އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވީ މާލޭގައި ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ޝައިޚް ލަތީފް ވިދާޅުވީ، ޢާއިލާއަކީ މުޖުތަމަޢު ބިނާކުރުމުގެ އެންމެ މުހިންމު ގުނަވަން ކަމަށާއި، ޢާއިލީ ގުޅުން ހަރުދަނާވުމަކީ މުޅި މުޖުތަމަޢުގެ ބަދަހިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. ޢާއިލީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ލޯތްބާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްލާމްދީނުގައި ޢާއިލާގެ ކޮންމެ ފަރުދަކަށް ހައްޤުތަކާއި ޒިންމާތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން ޝައިޚް ވިދާޅުވީ، ފިރިމީހާ އާއި އަނބިމީހާ އެމީހުންގެ މައްޗަށް ލާޒިމްވާ ޒިންމާތައް ފުރިހަމައަށް އަދާކުރަންޖެހޭނެ ކަމަށެވެ. އަދި މި ޒިންމާތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަން ހަނދުމަކޮށްދެއްވަމުން، ދީނީ އުޞޫލުތަކަށް ފަރުވާކުޑަކުރުމަކީ ޢާއިލާތައް ރޫޅިގެންދާ މައިގަނޑު ސަބަބު ކަމަށް ވިދާޅުވިއެވެ.
މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝައިޚް ވިދާޅުވީ، ދަރިން މައިންބަފައިންނަށް އިޙްސާންތެރިވުމަކީ ލާޒިމް ކަމެއް ކަމަށާއި، ހަމައެހެންމެ މައިންބަފައިން ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ ދީން އުނގަންނައިދޭންޖެހޭނެ ކަމަށެވެ.
ހެޔޮލަފާ ޢާއިލާއެއް ބިނާކުރުމަށްޓަކައި ކައިވެނީގެ ކުރިން ޞާލިޙް ބައިވެރިއަކު އިޚްތިޔާރުކުރުމަށާއި، ޞާލިޙް ދަރިން ދެއްވުން އެދި ދުޢާކުރުމަށް ޝައިޚް އިރުޝާދު ދެއްވިއެވެ. މީގެ އިތުރުން، ޢާއިލާގެ ތެރޭގައި ޖެހޭ ކުދިކުދި މައްސަލަތައް ޙައްލުކޮށް، ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ޝައިޠާނާގެ ވަސްވާސްތަކުން ދުރުހެލިވުމަށް ޝައިޚް ލަތީފް ވަނީ ގޮވާލައްވާފައެވެ.

