ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) ގެ ރަސްމީ ވޮލެޓުގެ ގޮތުގައި މިއަދު ހަމަޖައްސައިފިއެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމުގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އެވެ. މި އެއްބަސްވުމުގެ ދަށުން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެއެވެ.
ސްވައިޕް އަކީ ދިވެހިން އުފައްދައި ތަރައްގީކޮށްފައިވާ 100 އިންސައްތަ ދިވެހި އުފެއްދުމެކެވެ. ބޭންކުން މައުލޫމާތު ދޭ ގޮތުގައި މި ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. މި ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭއިރު، ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ފައިސާ ޖަމާކުރެވޭނެއެވެ.
މިދިޔަ ޖަނަވަރީ މަހު ލިމިޓެޑް ރިލީޒަކަށް ހުޅުވާލި މި ވޮލެޓުން މިހާރުވެސް ގިނަ ހިދުމަތްތަކެއް ލިބެއެވެ. އޭގެ ތެރޭގައި ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރ، ކިއުއާރް ޕޭމަންޓް، ޕޭމަންޓް ލިންކް ޝެއާކުރުން އަދި ހަރަދުތަކުގެ ތަފާސްހިސާބު ބަލާލުން ފަދަ ފަސޭހަ ފީޗަރތައް ހިމެނެއެވެ.
މި އެއްބަސްވުމަކީ މިދިޔަ އަހަރު ބީއެމްއެލް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ގާއިމުކުރި ސްޓްރެޓިޖިކް ޕާޓްނަރޝިޕްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މި ޕާޓްނަރޝިޕްގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތައް ހޯދައި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މަގުބޫލުކަން އިތުރުކުރުމެވެ.

