ރާއްޖޭގެ ތިން ރަށެއްގެ 30 ދަނޑުވެރިއަކަށް ހައިޑްރޯޕޯނިކްސް ނިޒާމު ގާއިމުކޮށްދީ، އެ ނިޒާމު ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދީފައިވާ ކަމަށް ދަނޑުވެރިކަމާއި ޖަނަވާރާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ދަނޑުވެރިކަމާއި ޖަނަވާރާ ބެހޭ ވުޒާރާގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ހައިޑްރޯޕޯނިކްސް ޕްރޮގްރާމަކީ ކުޑަ ބިންކޮޅެއްގައި ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ފަތްޕިލާވެއްޔާއި ތަރުކާރީގެ ބާވަތްތައް އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން އެ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް މިހާތަނަށް ހިންގާފައިވަނީ ބ. ތުޅާދޫ، ފ. ދަރަބޫދޫ އަދި އދ. އޮމަދޫގައެވެ. މީގެ ތެރެއިން ކޮންމެ ރަށަކުން 10 ދަނޑުވެރިއަކަށް ހައިޑްރޯޕޯނިކްސް ނިޒާމު ވަނީ ފޯރުކޮށްދީފައެވެ. “މިއީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުޑަ ބިންކޮޅެއްގައި ފަތް ތަރުކާރީ އުފައްދައި ވިޔަފާރި އުސޫލުން މާކެޓުކުރުމަށް ކުރިއަށްގެންދާ ޕްރޮގުރާމެއް،” ވަޒީރު ވިދާޅުވިއެވެ.
ހައިޑްރޯޕޯނިކްސްގެ އިތުރުން ވާޓިކަލް ފާމިންގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހދ. ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ވާޓިކަލް ހައިޑްރޯޕޯނިކް ސިސްޓަމުގެ ތިން ބާވަތެއް ގާއިމުކޮށް މިހާރު އަޖުމަބަލައި ތަޖުރިބާކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއަށް ބަލައި ޖަޕާނާއި ޔޫއެންޑީޕީގެ އެހީގައި ޅ. ނައިފަރާއި، އއ. މަތިވެރި އަދި ތ. ކިނބިދޫގައި ވާޓިކަލް ފާމިން ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ޑރ. މާރިޔާ ވިދާޅުވިއެވެ.
ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްގެޓް (MGAP) ސެޓްފިކެޓު ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ސެޓްފިކެޓަކީ އުފައްދާ ތަކެއްޗަކީ ތިމާވެއްޓާ ރަހުމަތްތެރި އުސްލޫބުތައް ބޭނުންކޮށްގެން އުފައްދާ ރައްކާތެރި ތަކެތިކަން ކަށަވަރުކޮށްދޭ ސެޓްފިކެޓެއް ކަމަށެވެ.
މި ރަމަޟާން މަހު ނޯތު ހާބަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ދަނޑުވެރިންގެ ވަގުތީ މާރުކޭޓުގައި ށ. ގޮއިދޫ ދަނޑުވެރިންގެ އުފެއްދުންތަކުގެ ތެރެއިން އެމްގެޓް ސެޓްފިކެޓު ލިބިފައިވާ އުފެއްދުންތައް ވިއްކަމުންދާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

