މާލެ ސިޓީގެ ކުރިމަގާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލު އިންތިހާބުކޮށްގެން ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު މިހެން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދިޔަ “ދޮރުން ދޮރަށް” ހަރަކާތުގެ ތެރެއިން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މި ހަރަކާތުގައި ރައީސް ޑރ. މުޢިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަރުކާރާ އެއް ވިސްނުމެއްގައި މަސައްކަތްކުރާ ކައުންސިލަރުން އިންތިހާބުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މަހުލޫފު ވިދާޅުވީ، ސަރުކާރާ ވިސްނުން އެއްގޮތް ބޭފުޅުން ކައުންސިލުތަކުގައި ތިއްބެވުމަކީ ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. އަދި ބައެއް ފަހަރު ސަރުކާރާ ވިސްނުން ތަފާތު ބޭފުޅުން ކައުންސިލުތަކަށް ވަޑައިގެން ސަރުކާރުގެ ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު މީގެ ކުރިން ސްޕޯޓްސް މިނިސްޓަރަކަށް ހުރިއިރު އެބަހުރި އެކަހަލަ ބައެއް ކަންކަން ދިމާވެފައި. ސަރުކާރުން އެބޭނުންވާ ކަންކަން ކުރުމަށް ދަތިތަކެއް ދިމާވެފައި،” ކުރީގެ ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ، ކައުންސިލްތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތައް ހަމަޖެހިގެންދަނީ ދައުލަތުގެ ބަޖެޓުން ސަރުކާރު މެދުވެރިވެގެން ކަމަށްވާތީ، އެ ފައިސާ ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ބޭނުންކުރުމަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.
މިއަދު ރައީސް ޒިޔާރަތްކުރެއްވި ގަލޮޅު ދެކުނު ދާއިރާއަކީ 2009 އިން 2019 އާ ހަމައަށް މަހުލޫފު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރެއްވި ދާއިރާއެވެ. ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތުގައި ސަރުކާރުގެ އިސް ބޭފުޅުން މިހާރު އަންނަނީ އަމަލީގޮތުން ބައިވެރިވަމުންނެވެ.

