މީޑިއާތަކާއި ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ދާދިފަހުން ޤާއިމްކުރި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރަސްމީ ލޯގޯ ބޭނުން ކުރަން ފަށައިފިއެވެ. އެ ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި އައު ލޯގޯ ބޭނުން ކުރަން ފަށާފައިވަނީ މި މާރިޗު މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ.
މި ލޯގޯ ފަރުމާކޮށްފައިވަނީ ކޮމިޝަންގެ މަޤްޞަދުތަކާއި މަސައްކަތުގެ ދާއިރާއާ ގުޅޭގޮތަށް ހަތަރު މައިގަނޑު ބަޔަކަށް ބަހާލައިގެންނެވެ. ލޯގޯއިން ފެންނަ ކޮންމެ ބަޔަކީވެސް ޚާއްޞަ މާނަތަކެއް ރަމްޒުކޮށްދޭ ބައިތަކެއް ކަމަށް އެމްއެމްބީސީން ވިދާޅުވެއެވެ.
ލޯގޯގެ ބައިތަކަށް ބަލާއިރު، އޭގައި ހިމެނޭ “ކޮމާކޯޅި” އިން ރަމްޒުކޮށްދެނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ. އަދި “ބްރޯޑްކާސްޓިން ވޭވްސް” އިން ދައްކުވައިދެނީ މަޢުލޫމާތު ފެތުރިގެންދާ ހަލުވި މިންވަރެވެ. މީގެ އިތުރުން، ލޯގޯ ހަތަރު ބަޔަކަށް ބަހާލެވިފައިވުމަކީ މީޑިއާއަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
ދިވެހި ބަހާއި ސަޤާފަތަށް ދޭ އަހަމީއްޔަތުކަން ހާމަކުރުމުގެ ގޮތުން، ތާނައިގެ ތިން އަކުރު ކަމަށްވާ “މ”، “ބ” އަދި “ކ” ލޯގޯގައި ހިމަނާފައިވެއެވެ. މިއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރުނަމެވެ.
އެމްއެމްބީސީން ވިދާޅުވީ މި އައު ލޯގޯއާއެކު، ކޮމިޝަނުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދަމަހައްޓައި، ޒިންމާދާރު ނޫސްވެރިކަމުގެ ސަޤާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުން ކަމަށެވެ.

